ސްކޫލްތައް ބަންދުކުރާ ހާލަތަކަށް ނުދޭ: ޑޮކްޓަރުން

ސްކޫލްގައި ކިޔަވާ ކުދިން/ ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސްކޫލްތައް ބަންދު ކުރަންޖެހޭ ހާލަތެއް އަދި ރާއްޖޭގައި ނެތްކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން މިހެން ބުނެފައިވަނީ، ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް އެ ހޮސްޕިޓަލުގެ ތިން ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވީ އެޕިޑެމިއޮލޮޖިސްޓް ޑރ އިބްރާހިމް އަފްޒަލް އާއި ކޮންސަލްޓަންޓް އިން އިންޓަރނޭޝަނަލް މެޑިސިން ޑރ މުހައްމަދު އަލީ އަދި ކޮންސަލްޓަންޓް އިން ރެސްޕިރޭޓަރީ މެޑިސިން ޑރ މުސާ ހުސައިންއެވެ.

އަިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ބުނީ، ކޮރޯނާއަށް ޝައްކު ކުރެވޭ ދެ މީހަކު ފާހަގަވެފައި ވީނަމަވެސް، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އެއްވެސް މީހަކު އަދި ފެނިފައި ނުވާތީ ސްކޫލްތައް ބަންދު ކުރަން ޖެހޭ ހާލަތަކަށް އަދި ރާއްޖެ ނުދާ ކަމަށެވެ.
ނަމަވެސް ސްކޫލްތައް ބަންދު ނުކުރި ކަމުގައިވިޔަސް، ކުއްޖަކު ބަލިވެއްޖެ ހާލަތެއްގައި އެ ކުއްޖާ ސްކޫލަށް ނުފޮނުވާ ބެހެއްޓުމަކީ މިދުވަސްކޮޅު އެންމެ ރަގަޅުގޮތް ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެއެވެ. އަދި ސުކޫލް ބަންދު ކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަން ޑަބްލިޔު އެޗް އޯގެ މިންގަނޑުގެ ތެރެއިން އެކަމުގެ މައުލޫމާތު ހިއްސާކުރަމުން ގެންދާނެކަމަށްވެސް ޑޮކްޓަރުންގެ ޓިމުން ބުނެއެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދެ ކޭސް މިހާތަނަށް ރިޕޯޓް ކުރެވި އެމީހުންނަށް ބަލި ޖެހިފައި ވޭތޯ ޔަގީން ކުރުމަށް އެމީހުންގެ ޓެސްޓްތައް ހެދުމުގެ މަރުހަލާގައި މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ހެލްތު މިނިސްޓރީން ވަނީ މީޑިއާ ތަކަށް މައުލޫމާތު ހިއްސާކޮށްފައެވެ. ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ފުރަތަމަ މީހާގެ ޓެސްޓްގެ ނަތީޖާ އާދިއްތަ ދުވަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.