ދިވެހި ބަދިގެތައް ހުއްޓާލުމަށް މަޝްވަރާއެއް ނުކުރަން، މަޝްވަރާ ކުރަނީ ލުއި ގޮތްތައް ހޯދަން: ރޭމް

ރެސްޓޯރަންޓު އެސޯސިއޭޝަން އިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ---

ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއެކުގައި ރެސްޓޯރަންޓު އެސޯސިއޭޝަން މޯލްޑިވްސް (ރޭމް) އިން އެއްވެސް ހާލަތެއްގައި ދިވެހި ބަދިގެތައް ނުވަތަ ދިވެހި ކަނބަލުން ގޭގައި ތިބެގެން ކުރަމުން ގެންދާ ވިޔަފާރިތައް ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށާއި އެ އެސޯސިއޭޝަން އިން މަސައްކަތް ކުރަނީ ކެފޭ ހޮޓާ އަދި ރެސްޓޯރަންޓުތައް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންގުޅޭ މިންގަނޑުތަކަށްވުރެ ލުއި ގޮތްތަކެއް ދިވެހި ބަދިގެތަކަށް ހޯދޭތޯ ކަމަށް އެ އެސޯސިއޭޝަން އިން ބުނެފިއެވެ.

ރެސްޓޯރަންޓު އެސޯސިއޭޝަން އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި ސިނާއަތަކީ އެއް ވިޔަފާރި އަނެއް ވިޔަފާރި އާއި ވަރަށް ބޮޑަށް ލާމެހި ގުޅިފައިވާ ސިނާއަތެއް ކަމަށެވެ.

ކާބޯތަކެތި ގޭގައި އުފައްދާ ވިއްކައިގެން އެތަކެއް ދިވެހި އާއިލާ ތަކަކަށް ތަނަވަސް ކަމާއި ކުރިއެރުން ލިބެމުންދާކަމީ އެ އެސޯސިއޭޝަނުން އުފަލާއެކު ފާހަގަ ކުރާ ކަމެއްކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރަމުންގެންދާ އެންމެހާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަކީ ފެށުނީއްސުރެ ކުރަމުންގެންދާ ކަމެއް ކަމަށެވެ.

މި ސިނާއަތަށް މިއަދު ދިމާވެފައިމިވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަނެ މި ސިނާއަތް ކޮޅަށް ޖެހުމުގެ މަތިވެރި މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެޗްޕީއޭ އާއިއެކު އެ އެސޯސިއޭޝަނުން ބޭއްވުނު ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވިފައި ވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅެމުންދާ، ރާއްޖޭގެ އެންމެހައި ގާނޫނު ތަކާއި ގަވާއިދު ތަކަށް ބެލުމެއްނެތި ވިޔަފާރި ކުރަމުންގެންދާ އެތަކެއް ހާސް ބިދޭސީންގެ ވިޔަފާރިތަކާ ގުޅޭގޮތުން އެ އެސޯސިއޭޝަންގެ ހުރި ކަންބޮޑުވުންތަކާ އަދި އެކަންކަން ހުއްޓުވޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ރޭމް އިން ބުންޏެވެ.

"ދިވެހި ކަނބަލުންގެ ދިވެހި ބަދިގެތައް، ދިވެހި ރަހަތައް ނުވަތަ ދިވެހިން ކުރަމުންދާ ވިޔަފާރިއަކަށް ހުރަސް އެޅުން ނުވަތަ ހުއްޓުވުމަށް މަޝްވަރާ ކުރެވިފައެއް ނޯންނާނެ" މަޝްހޫރު އެތައް ރެސްޓޯރަންޓު އަދި ކެފޭތައް ގުޅިގެން އުފައްދާފައިވާ ރޭމް އިން ބުންޏެވެ.

އެކި މުއައްސަސާތަކާއިއެކު މަޝްވަރާ ކުރެވިފައި ވާނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ދަފްތަރެއް އެކުލަވާލައި އެންމެހާ ވިޔަފާރިތައް އެއް ނިޒާމެއްގެ ތެރެއިން ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމަށާއި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށް ތަންފީޒީ އިދާރާތަކުން އެކަންކަން ރަނގަޅަށް މޮނިޓާ ކުރެވި، ނުގަވާއިދުން އުޅޭ ބިދޭސީން ހިންގަމުންގެންދާ ވިޔަފާރިތައް ހުއްޓުވައި ދިނުމަށް ކަމަށް ރޭމް އިން ބުންޏެވެ.

"ބައެއް ހިސާބުތަކުގައި މާރުކޭޓްހަދާ ސާފުތާހިރު ކަމެއްނެތި ކާބޯތަކެތި ވިއްކަނީއެވެ. ކުދި ތަންތަންކޮޅުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި ބޮޑެތި ޢަދަދުން ތައްޔާރީ ކާނާތައް ހަދާ ވިއްކަމުން ގެންދަނީއެވެ. އެފަދަ ބައެއް ތަންތަނުގައި ކަރަންޓެއް، ފެނެއް ނުހުރެއެވެ." ބިދޭސީންގެ ނުގަވާއިދު ވިޔަފާރިއާ ގުޅޭ ގޮތުން ރޭމް އިން ބުންޏެވެ.

އެއްވެސް ސާފުތާހިރުކަމެއް ނެތި ތައްޔާރުކުރާ ކާބޯތަކެތި ނޭނގުމެއްގެ ތެރޭގައި ދަރިންނާއި އާއިލާތަކަށް ކާން މަޖުބޫރުވާ ކަމަށް ބުނެ ރޭމް އިން ބުނީ ރިސޯޓް ތަކުންނާއި ބޮޑެތި ތަންތަނުން ބޭނުންކޮށްފައި އުކާލާ ކައްކާ ތެޔޮ ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދާ ކަމުގެ މަޢުލޫމާތާއި، މުއްދަތު ހަމަވެގެން ގޮނޑަށް އުކާލެވޭ ކާބޯ ތަކެތީންނާއި، އާންމު ޑަސްބިންތަކުން ހޮވާ ތަކެތީން ވެސް ކާބޯތަކެތި ތައްޔާރުކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަމުގެ މައުލޫމާތު އެ އެސޯސިއޭޝަނަށް ލިބި، ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.

ރޭމް އިން ވަނީ ދާދި ފަހުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވެ ލިބެމުން ދިޔަ އާމްދަނީ ދަށްވަމުން ދާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހާއި އެޗްޕީއޭއަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *