ފްރަންޓުލައިން އެލަވަންސްގެ ގޮތުގައި 33.2 މިލިއަން ރުފިޔާ ދީފި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން ފްރަންޓުލައިންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ފްރަންޓުލައިން އެލެވަންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ މިހާތަނަށް ފައިސާ ދޫކޮށްފައި ވަނީ މާޗް ހަތަކުން ޖުލައި 15އާ ހަމައަށް މަސައްކަތް ކުރި ދުވަސްތަކަށް ކަމަށެވެ.

މިދިޔަ މޭ މަހުގެ ހަތްވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މި ބަލިމަޑުކަމާ ދެކޮޅަށް އެންމެ އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ބަހާލައިގެން "ފްރަންޓްލައިން" އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ފުރަތަމަ ގިންތިކަމަށްވާ ހައި ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވެ، ފަރުވާދިނުންފަދަ ކަންކަމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، އެފަދަ މީހުން އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އުޅޭ ފަރާތްތަކާއި، ރެޕިޑް ރެސްޕޮންސް ޓީމުގައި ހިމެނޭ އޮފިޝަލުން ފަދަ ފަރާތްތައް ކަމަށެވެ.

އަމީރު ވިދާޅުވި ގޮތިގައި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

ދެވަނަ ގިންތިކަމަށްވާ މީޑިއަމް ރިސްކު ކެޓަގަރީގައި ހިމެނޭނީ، ބައްޔަށް ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުނުވި ނަމަވެސް، ޕޮޒިޓިވްވާ މީހުނާ ސީދާ ގޮތުން ބައްދަލުވާ އޮފިޝަލުންނާ އެކުގައި މަސައްކަތް ކުރާ ފަރާތްތަކެވެ. މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ މުވައްޒަފުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އަދި މި ދެ ކެޓަގަރީގައި ނުހިމެނޭ، ނަމަވެސް، ކޮވިޑް19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި މަދުވެގެން ހަ ގަޑިއިރު މަސައްކަތްކުރާ ފަރާތްތަކަށް 200 ރުފިޔާގެ އެލަވަންސެއް ދޭން ނިންމާފައިވާކަމަށް އަމީރު ވަނީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *