ތިނަދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

ގދ. ތިނަދޫ ---

ގދ. ތިނަދޫ އިން ކޮވިޑް19 އަށް ދެ މީހަކު ޕޮޒިޓިވްވުމުން ހަދަން ޖެހޭ ކޮންޓެކްޓް ޓްރޭސިން ނިންމާލުމަށްފަހު އެރަށް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއްގެ ދެ ފަޅުވެރިންނެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. އެ ދެ މީހުންނާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުން ނިންމާލުމަށްފަހު މިއަދު ހެނދުނު 9:30 ގައި ތިނަދޫގެ މޮނީޓަރިން ހާލަތު ވަނީ އުވާލާފައެވެ.

ތިނަދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ގައިދުރުކަން ބަހައްޓައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުމަށް އެދޭ ކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކާއި ބައްދަލުވި ނުވަތަ ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ، ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ގިނަ އަދަދެއްގެ ގެތައް ކަރަންޓީން ކުރެވިފައިވާކަން ކަމަށް އިއުލާނުގައިވެއެވެ. އަދި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.

މިހާތަނަށް ކަރަންޓީނު ކޮށްފައިވާ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ނުފެންނަ ކަމަށާއި އަލާމާތެއް ފެނިއްޖެ ނަމަ އެމީހެއްގެ ސާމްޕަލް ނަގާނެ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ. އަދި އެމީހުންގެ ކަންކަން ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް އެކައުންސިލުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *