ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ

ބާ ކައުންސިލްގެ ރައީސް އަދި ނާއިބު ރައީސްއާ މެންބަރުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގައި -- ފޮޓޯ / މަޖިލިސް

ރާއްޖޭގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމައި އެކަމާއި ބެހޭ ގަވާއިދު ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކުލަވާލާ އާއްމުކޮށްފިއެވެ.

މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވަ އެ ގަވާއިދު ބުނާ ގޮތުން، ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކާއި ގުޅިގެން، އެ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތު ކުރުމުގެ ހުއްދައަށް އެދި، ބާ ކައުންސިލަށް ހުށަހެޅިދާނެ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީސް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ބޭނުންވެގެން، ދައުލަތުގެ އެ ދެ މުއައްސަސާއެއް ތަމްސީލު ކުރެވޭ ގޮތަށް ބިދޭސީ ވަކީލުންގެ އެހީތެރިކަން ބޭނުންވެގެން ހުށަހަޅާނަމަ އެ ވަކީލުންނަށް ވެސް ރާއްޖޭގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބާ ކައުންސިލްގެ ގަވާއިދުގައިވެއެވެ.

ހުއްދައަށް އެދި ހުށަހަޅާނީ، ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަނުކުރަން ބޭނުންވާ ފަރާތުން، ބާ ކައުންސިލުން އެ ކަމަށް ކަނޑައަޅައި، ބާ ކައުންސިލުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ފޯމުންނެވެ.

ފޯމުގައި ހިމަނަންޖެހޭ ލިޔުންތައް:

- ބިދޭސީ ޤާނޫނީ ވަކީލުގެ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ

- ބިދޭސީ ޤާނޫނީ ވަކީލު ވަކާލާތުކުރަން އެދި ހުށަހަޅާ ބާވަތުގެ މައްސަލަތަކާ ގުޅޭ ގޮތުން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ސީވީ

- ބިދޭސީ ޤާނޫނީ ވަކީލުގެ ވަކާލާތު ކުރުމުގެ ހުއްދައިގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ

- ބިދޭސީ ޤާނޫނީ ވަކީލު ވަކާލާތުކުރަން އެދޭ މައްސަލައަކީ ދިވެހިރާ އްޖޭގެ ހައިކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައެއް ނަމަ، ޢައްޔަނުކުރަން އެދޭ ބިދޭސީ ވަކީލު ވަކާލާތުކުރާ ޖުރިސްޑިކްޝަނެއްގެ އެ ދަރަޖައިގެ ކޯޓެއްގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތްކަން އެނގޭނެ ރަސްމީ ލިޔުމެއްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިފައިވާ ކޮޕީ

- ބިދޭސީ ޤާނޫނީ ވަކީލު ދާއިމީގޮތެއްގައި ރަ ށްވެހިވެފައިވާ ޤައުމަކުން އެ ވަކީލަކަށް ޕޮލިސް ރިޕޯޓް ދޫކުރިތާ ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

- ބިދޭސީ ޤާނޫނީ ވަކީލު ވަކާލާތުކުރަން އެދޭ މައްސަލައިގެ ތަފުސީލު

- ހުއްދައަށް އެދެނީ ވަކި އަޑުއެހުމަކަށްކަން ނުވަތަ މުޅި މައްސަލައަށްކަން އެނގޭނެ ލިޔުމެއް

- ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަނުކުރާކަމާއި، ބިދޭސީ ޤާނޫނީ ވަކީލު އެކަން ޤަބޫލުކުރާކަން އެނގޭނެ ލިޔުން

- ބިދޭސީ ޤާނޫނީ ވަކީލު ޝަރީޢަތުގައި ވާހަކަދެއްކުމަށް ގަސްތުކުރާ ބަހުން ވާހަކަދެއްކުމާމެދު މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތްކަން އެނގޭނެ ލިޔުމެއް ނުވަތަ ބިދޭސީ ޤާނޫނީ ވަކީލަށް ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ކަންކަން ތަރުޖަމާކޮށްދިނުމާއި، ބިދޭސީ ޤާނޫނީ ވަކީލު ދައްކާ ވާހަކަތައް ޝަރީޢަތަށް ތަރުޖަމާ ކޮށްދިނުމަށް ޓަކައި ތަރުޖަމާނެއް ޢައްޔަނު ކޮށްފައިވާކަން އަންގައިދޭ ލިޔުމެއް.

ބިދޭސީ ޤާނޫނީ ވަކީލު ޢައްޔަންކުރަން ބޭނުންވާ ފަރާތާއި ބިދޭސީ ޤާނޫނީ ވަކީލާ ދެމެދު ކުރުމަށް އެއްބަސްވާ މަސައްކަތާއި، އެ މަސައްކަތްކުރުމަށް ކަނޑައަޅާ
ފީއާއި، އެ މަސައްކަތާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެވޭ އެހެނިހެން ކަންކަން ލިޔުމުން އެނގޭގޮތަށް އެއްބަސްވުމެއް އެކުލަވައިލައި، އެ އެއްބަސްވުން
އޮތްކަން، ބާ ކައުންސިލަށް ހުށަހަޅާ ލިޔުމުން އެނގެން އޮންނަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައި ވަނީ އެ ލިޔުންތަކުގެ އިތުރުން، ބިދޭސީ ޤާނޫނީ ވަކީލަށް ހުއްދަ ދިނުމުގައި އިތުރު ލިޔުންތަކަށް ބަލަން ޖެހޭ ކަމަށް، ބާ ކައުންސިލަށް
ފެންނަ ހާލަތުގައި، އެ ލިޔުންތައް ހޯދުމަށް، ބާ ކައުންސިލަށް އެދެވިދާނެ ކަމަށެވެ.

ބިދޭސީ ޤާނޫނީ ވަކީލު ރާއްޖެއަށް އެތެރެވެފައިވަނީ، ރާއްޖެއަށް އެތެރެވުމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކު ރުމަކީ ބިދޭސީ
ޤާނޫނީ ވަކީލު ޢައްޔަނުކުރަން ބޭނުންވާ ފަރާތުގެ ޒިންމާއެއް ކަމަށް ގަވާއިދުގައިވެއެވެ.

ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތު ކުރުމަށް ފީއެއް ނެގުމަށް ވެސް ނިންމާފައިވެއެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން 2،000 ރުފިޔާގެ ފީއެކެވެ. ހައި ކޯޓުގައި ވަކާލާތު ކުރަން 5،000 ރުފިޔާގެ ފީއެކެވެ. އަދި ސުޕްރީމް ކޯޓުގައި ނަމަ 10،000 ރުފިޔާގެ ފީއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *