"ދެރަދުން" ނެރުމަށް ބޭއްވީ ސިޔާސީ ހަރަކާތެއް ކަމަކަށް ނުބަލަން: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް: ފޮޓޯ / ހަތާވީސް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ދެރަދުން" ފޮތް ނެރުމަށްފަހު އެ ފޮތް ބައްލަވައިގެން ބޭފުޅުންނަށް ފޮތުގައި އެމަނިކުފާނުގެ ސޮއި ކުރުމަށް ބޭއްވި ހަފްލާތަކަކީ ސިޔާސީ ހަރަކާތެއް ކަމަކަށް ނުބަލާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެ ހަފްލާތަކުގައި މާސްކު ނާޅުއްވާ ހުންނެވި މަންޒަރު ފެންނަ ފޮޓޯތަކާއި އަދި އެމަނިކުފާނު ކައިރީގައި ބައެއް ފަރާތްތަކުން ވެސް މާސްކު ނާޅާ ހުންނެވި މަންޒަރު ފެންނަ ފޮޓޯތައް އިލެކްޝަންސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"އެކަމަކު އެއީ ސިޔާސީ ހަރަކާތެއް ގޮތުގައި އަޅުގަނޑުމެން ނުބަލަން. އެއީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ހިންގި ހަރަކާތެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތެއްގެ ގޮތުގައި އިލެކްޝަނުން ބަލަނީ ސިޔާސީ ޕާޓީއަކުން އިންތިޒާމު ކޮށްގެން ބާއްވާ ހަރަކާތްތައް އެކަނި ކަމަށް ޝަރީފްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އަދި ހެދިފައިވާ ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގަން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް އަންގައި ލިޔުން ފޮނުވާފައިވާނެ ކަމަށެވެ.

ރައީސް ނަޝީދު މާސްކު ނާޅާ ހުރި މަންޒަރުތައް ފެންނަ ފޮޓޯތަކާއި ގުޅޭ ގޮތުން ޝަރީފް މިފަދައިން ވިދާޅުވިއިރު އެވާހަކަތައް އެހާ ބޮޑަށް ދެކެވެމުން ދިޔައީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވެފައިވާ ކަމަށް ބުނެ އެ ކޯލިޝަން 75،000 ރުފިޔާއިން ޖޫރިމަނާ ކުރުމުންނެވެ.

މީގެއިތުރުން އެ ކޯލިޝަންގެ އިސް ލީޑަރުންތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބައެއް ފަރާތްތަކުން ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *