އަންނަ މަހު 15ގައި ގެސްޓު ހައުސްތައް ހުޅުވަނީ

ރާއްޖޭގައި އޮޕަރޭޓު ކުރާ ގެސްޓު ހައުސްއެއް --

ކޮވިޑް19 އާއި ގުޅިގެން ބަންދުކުރި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ އަންނަ މަހުގެ 15 ގައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ އަންނަ މަހުގެ 15 ގައި ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދޭއިރު އެ ރަށެއްގެ ކައުންސިލްގެ ބަހަކާއި، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިނަށް ފެތިފައި ހުރިތޯ ބަލާނެ ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މީގެކުރިން ގެސްޓު ހައުސްތައް ހުޅުވަން ނިންމާފައި ވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް19 އަދިވެސް ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ސަރުކާރުން އޭރު ނިންމީ ގެސްޓު ހައުސްތައް ނުހުޅުވުމަށެވެ.

މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު އަލުން ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއވެެ. އޭރު އޮޕަރޭޓު ކުރުމަށް ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށެވެ. އަދި ބައެއް ސަފާރީތަކަށް ހުއްދަ ދިންއިރު މާލެ ސަރަހައްދުގެ ބައެއް ގެސްޓުހައުސް އަދި ހޮޓާތަކަށް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ ދިނެވެ.

Leave a Reply

Your email address will not be published. Required fields are marked *