އަޅުގަނޑުގެ ފަރާތުން ގޯހެއް ހަދާފައި އޮތް ނަމަ ހައިކޯޓާ ހަމައަށް ނާންނާނަން: ރައީސް ޔަމީން

ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ ޝަރީއަތް ނިންމާލުމަށްފަހު އެމަނުކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެކައުންޓަކަށް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތުގައި ރައީސް ޔާމީންގެ ފަރާތުން ގޯހެއް ހަދާފައި އޮތް ކަމަށްވާ ނަމަ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ވެސް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ މިއަދު ހައިކޯޓުގައި ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ޔާމީން ވަނީ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރެއްވީ ވެސް ކްރިމިނަލް ކޯޓުން މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމްގައި ގޯސްތަކެއް ހަދާފައި އޮތުމުން ކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުގެ ފަރާތުން ގޯހެއް ހަދާފައި ނޯންނާނެކަން އެކަމުގައި [ފައިސާގެ މުއާމަލާތް ކުރިޔަށް ދިޔައިރު]" ރައީސް ޔާމީން ވިދާޅުވިއެވެ.

އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ދެބޭފުޅުން މީގެކުރިން ވޮޑަމުލާގެ ވާހަކަތައް ދައްކާފައި ނުވާއިރު މާފަހުން ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކަށްފަހު ވޮޑަމުލާގެ ވާހަކަތައް އައުމުން ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވަނީ އަދީބާއި ޒިޔަތު "ފިތިފައި"ވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުށުގެ އުންސުރުތަކާއި ހިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތަހުގީގަކީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ހިންގާފައިވާ ތަހުގީގެއް ކަމަށް ވިދާޅުވިއެވެ.

ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ ޝަރީއަތްތައް މިއަދު ނިމިފައިވާއިރު ދެން އޮންނާނީ މި މައްސަލާގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

Leave a Reply

Your email address will not be published. Required fields are marked *