ބަދަލުކުރަންވީ ކޮވިޑް ފެސިލިޓީއެއް ނޫން، ވިސްނުން!

ކޮވިޑް19ގެ ބަލި މީހަކު ގއ. ވިލިނގިއްޔަށް އެރުވުމާ ދެކޮޅަށް އެ ރަށު ބަނދަރު މައްޗަށް މީހުން އެއްވެފައި--- ފޮޓޯ/ ހަތާވީސް

ކޮވިޑް-19ގެ ސަބަބުން ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ އެވެ. ދިރިއުޅެންޖެހޭ ގޮތާއި ކާންބޯން މަސައްކަތްކުރާ ގޮތާއި ދޭދޭ މީހުންގެ ގުޅުންތައް ވެސް ދުވަހަކު ހީނުކުރާ ގޮތަކަށް ބަދަލުވީ އެވެ. މިއީ ބަލީގެ ބިރުވެރިކަން އޮތް ވަރުންނެވެ. މިއީ ހަމަ ކޮންމެ މީހަކަށް ވެސް ޖެހިދާނެ އަދި ކޮންމެ ތަނެއްގައި ވެސް ފެތުރިދާނެ ބައްޔެއްކަން އެންމެންނަށް ވެސް އެނގޭއިރު މި ބަލި ޖެހޭ މީހުންނާއި ބަލި ހުރި ކަމަށް ޝައްކުވާ މީހުންނާ މެދު ކުށްވެރިއެއްގެ ގޮތުގައި ބެލުން މި ވަނީ އެޔަށް ވުރެ ބޮޑު ބައްޔަކަށް ވެފަ އެވެ.

ކޮވިޑް ފެތުރެން ފެށުމާ އެކު އެކި ގައުމުތަކުން މި މަންޒަރު ދަނީ ފެންނަމުންނެވެ. އެންމެ ފަހުން އިއްޔެ ރާއްޖޭގައި ވެސް މި ފެނުނީ ހިތާމަހުރި މިސާލެކެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން ގއ. ވިލިނގިއްޔަށް ބަލި މީހަކު އެރުވިޔަ ނުދީ ހުރަސްއަަޅައި އަދި އެ މައްސަލަ ހޫނުވީ އެވެ. އެޗްއީއޯސީގެ ތަރުޖަމާނު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވެސް މިކަން ސިފަކުރެއްވީ ކޮވިޑަށް ވުރެ ސީރިއަސް "ބައްޔެއް" ގެ ގޮތުގަ އެވެ. އެކަން ބައްޔަކަށް ވަނީ މިފަދަ ކަންކަމުގެ ސަބަބުން ސިއްހީ ފަރުވާ އަށް ހުރަސް އެޅުމުގެ އިތުރުން އެ އުފެދޭ ފިތުނައިގެ ބޮޑުކަމުންނެވެ.

ކޮވިޑް ފެތުރޭ ރަށްރަށުން އެހެން ރަށްރަށަށް މީހުން ދާ ވަކި މުއްދަތަކަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ކަނޑައަޅައި ގޭގައި މީހުން ކަރަންޓީނުކުރަން ފެށިތާ ކައިރީ ވެސް މިފަދަ ކިތަންމެ ހާދިސާއެއް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ. ކަރަންޓީނުގައި މީހަކު ހުންނަ ގެއެއްގެ ކައިރިން ހިނގާފައި ނުދާ ހިސާބަށް މީހުންގެ ވިސްނުން ހުރީ ބިރުވެރި ނުވަތަ ރުޅިވެރި ހާލަތުގަ އެވެ. އެކަން ވަރަށް ބޮޑަށް ބަދަލުވެފައި ވިޔަސް އަދިވެސް ފިލައިގެން ނުދެ އެވެ.

އިއްޔެ ހާދިސާ ސިފަވަނީ ސިޔާސީ ވާދަވެރިކަމެއްގެ ހުތުރު އަމަލެއްގެ ގޮތުގަ އެވެ. ވިލިނގިލީގައި ހިނގި ކަންކަމާއި ގދ. އަތޮޅުގެ އެކި ދާއިރާގެ މެންބަރުން ދައްކަވާފައިވާ ވާހަކަތަކުން އެކަން އެނގެ އެވެ. ގދ. އިން އެމްޑީޕީ އަށް ގިނަ ވޯޓު ލިބިފައި ވަނިކޮށް ވިލިނގިލީގައި ކޮވިޑް މެނޭޖްމެންޓް ފެސިލިޓީ ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނުމާއި އެހެން ރަށަކަށް ފެސިލިޓީ ބަދަލުކުރަން ގޮވާލުން ފަދަ ކަންކަމަކީ ބަލި މީހާ ވިލިނގިއްޔަށް ނާރުވަން ނިންމި ވިސްނުމާ ހަމަ އެއް ހަމައެއްގައި ހުރި ވާހަކަތަކެވެ.

"މުޅި ހުވަދުއަތޮޅުގެ ރައްޔިތުންގެ ނަމުގައި އަޅުގަނޑު މިއަދު ގޮވާލަން އެޗްޕީއޭއަށާއި ހެލްުތު މިނިސްޓްރީއަށާއި އަދި ނެޝަނަލް ޓާސްކްފޯހަށް ވިލިނގިލީގައި ގާއިމްކޮށްފައި ހުރި ކޮވިޑް ފެސިލިޓީ އެހެން ރަށަކަށް ބަދަލުކުރަން،" އިއްޔެ ހާދިސާ އަކީ ޕީޕީއެމުން ރާވައިގެން ކުރި ކަމެއްގެ ގޮތުގައި ތުހުމަތުކުރައްވައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ފިރުޝާން މީޑިއާގައި ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މީޑިއާގައި ވިދާޅުވީ، ސަރުކާރުގެ ބާރާއި ނުފޫޒު ނުފޯރާ ރަށެއްގައި ދައުލަތުގެ އެއްވެސް ތަނެއް ބަހައްޓައިގެން ނުވާނެ ކަމަށެވެ. މިއީ ރަނގަޅު ވާހަކައެކެވެ. އެކަމަކު ދެން އޭނާ ވިދާޅުވީ ނުރައްކާތެރި ވާހަކައެކެވެ.

އޭނާ ސުވާލު އުފެއްދެވީ ރައްޔިތުންގެ މަޖިލިހަށް ހުވަދުއަތޮޅުން ގިނައިން ހޮވުނީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާއިރު، އެ އަތޮޅުގެ އާބާދީ އަށް ގޮންޖަހައި އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ރުހުމަކާ ނުލައި ވިލިނގިލީގައި ކޮވިޑް ފެސިލިޓީއެއް ގާއިމްކުރި ސަބަބާ މެދުގަ އެވެ.

"މި ސުވާލަށް ޖަވާބު ވެސް ބޭނުން. މިއީ ކޮން ބަޔަކު، ކޮން ގޮތަކަށް، ކޮން ވިސްނުމެއްގައި ކުރި ކަމެއްތޯ ވެސް އަޅުގަނޑު ބަލަން ބޭނުން،" ސަނީފް ވިދާޅުވެފައިވެ އެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ދިފާއުގައި ވިދާޅުވެފައި ވަނީ ރަށަށް އަރުވަން "ހުއްދަ" ނުލިބުނީ ބަލި މީހާ އަށް ނޫން ކަމަށާއި ބަލި މީހާގެ އެހީތެރިޔާ އަށް ކަމަށެވެ. އެކަމަކު ބަލިމަޑުކަމުގެ މި ވަގުތު މިހާ ހިސާބަށް ކަންތައް ގެންދަންޖެހޭ ހެއްޔެވެ؟

މިއީ އެއްވެސް ކަމެއްގައި ވާދަވެރިވާންވީ ވަގުތެއް ނޫނެވެ. ސިއްހީ ހިދުމަތް ދޭ ތަންތަނާއި އެހެން ވަސީލަތްތައް ބިނާކުރަން ޖެހެނީ ވަކި ޕާޓީއަކަށް ލިބޭ ވޯޓުގެ އަދަދަކަށް ބަލައިގެންނެއް ނޫނެވެ. ބަދަލުކުރަންވީ ރަށެއްގައި ހުރި ސިއްހީ ހިދުމަތް ދޭ ތަނެއް ނޫނެވެ. މީހުންގެ ވިސްނުމެވެ. ދައްކަންވަނީ އެ ވާހަކަ އެވެ. އެ ވާހަކަ ދައްކައިގެން ވިސްނުން ބަދަލުކުރަން ތިއްބެވި ސިޔާސި ބޭފުޅުން މި ފިތުނައިގެ ހުޅު ބޮޑުކޮށް ސިޔާސީ މަންފާ އަށް ވާހަކަ ދައްކާހާ ހިނދަކު މިއީ ހައްލުވާނެ ކަންކަމެއް ނޫނެވެ.

ރައްކާތެރިވެވޭނެ، އެކަމަކު ކޮންމެ މީހަކަށް ވެސް ބަލި ޖެހިދާނެ

"ކޮވިޑް ޖެހިފައި ހުރި މީހަކަށް ރަށަށް އަރުވަން ދެކޮޅުހަދައި ފަރުވާ އަށް ހުރަސް އެބަ އަޅާ. މިކަމަށް ތާއީދުކޮށް އަޑު އުފުލާ މީހުން، ބަލި ފެތުރިފައި މިވާ މާލޭގައި ހަމަ އެއްވެސް ބިރެއް ނެތި، އެޗްޕީއޭގެ އެންގުންތައް އޮތް ތަނެއްގައި ބާއްވާފައި އެބަ އުޅޭ. ބަލި ދެކެ ބިރެއް ނުގަނޭ. މިއީ ވިސްނުން ހުރި ހިސާބު. މި އެނގެނީ އެކި ނަސްލުތަކާއި އެކި ރަށްރަށު މީހުންނާ މެދު އަހަރެމެންގެ ހިތުގައި ފޮރުވައިގެން އުޅޭ ނުރަނގަޅު ގޮތް،" ސޯޝަލް މީޑިއާގައި މީހަކު އޭނާގެ ރުޅިވެރިކަން ބޭރުކޮށްލަމުން ބުނެފައި އޮތެވެ.

އޭނާ އެ ބުނަނީ ވަރަށް ރަނގަޅު ވާހަކައެކެވެ. ބައްޔާ މެދު މީހުން މިހާ ވަރަށް ސަމާލުވެ ކަންބޮޑުވެގެން އުޅޭ ނަމަ ބަލި ކޮންޓްރޯލްކުރުމަށް އަޅަން ބުނާ ފިޔަވަޅުތައް ނޭޅި އަބަދު އެ ވާހަކަ ދައްކަން މި ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މީހާ ނިސްބަތްވާ ރަށާއި ސިޔާސީ ވިސްނުމާއި މިފަދަ އެތައް ކަމަކަށް ބަލައި މީހުންނާ މެދު ނުބައި ތަސައްވުރެއް ގެންގުޅެނީ އެވެ.

ބަލި މީހާ އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް އެތައް ހޭދައެއް ކުރަންޖެހުމާއި އެހެން މީހުންނަށް އެހީތެރިވާން ތިބި މީހުން ހުރިހާ ކަމެއް ހުއްޓާލާފައި ބޭކާރު ގޮތުގައި ވަގުތުތަކެއް ހޭދަކުރަން ޖެހުން ނޫން ކަމެއް އިއްޔެ ނުވި އެވެ. އަދި މިއީ އެތައް ޒަމާނަކަށް ދެކެވޭނެ އަދި މި ރުޅިވެރިކަން އޮންނާނެ ވެސް ހިތާމަވެރި އަދި ހުތުރު ކަމެކެވެ.

ކޮވިޑް-19 އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަން އެނގެއެވެ. އެކަމަކު މިއީ އެހެން މީހުންނަށް ގައިގޯޅި ނުވުމާއި ރަނގަޅަށް އަތް ދޮވުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން ފަދަ އާދަތަކާ އެކު ރައްކާތެރިކަން ހޯދިދާނެ ބައްޔެކެވެ. ކޮވިޑް ބަލީގެ މީހަކު ނުވަތަ ބަލި ހުރެދާނެ ކަމަށް ބެލެވޭ މީހަކު ރަށެއްގެ ވަކި ތަނެއްގައި އެކަހެރިކޮށްފައި ބެހެއްޓުމުން ރަށަށް ބަލި ފެތުރިދާނެ ކަމަށް ބިރު ގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ބައްޔެއް ޖެހޭ ކޮންމެ މީހަކަށް އެ މީހެއްގެ ރަށުގައި ބަހައްޓައިގެން ފަރުވާދީ ސިއްހީ އެހީތެރިކަން ފޯރުކޮށްދެވޭ ހިސާބަކަށް އަހަރެމެންގެ ކަންކަން އަދި ކުރިއަރައިގެންނެއް ނުދެއެވެ.

ކިތަންމެ ބަލައިގެން ފަރުވާތެރިކަމާ އުޅުނަސް ކޮވިޑް އަދި އެހެން ބައްޔެއް ވެސް މީހަކަށް ޖެހިދާނެ އެވެ. އެއީ ބަލި ޖެހޭ މީހާގެ ކުށެއް ނޫނެވެ. ބައްޔެއް ޖެހޭ މީހާ އާއި އެ މީހާގެ އާއިލާ އަށް ކުރިމަތިވާ ހިތްދަތިކަމާއި ކަންބޮޑުވުން ތިމާ އަށް އެފަދަ ކަމެއް ކުރިމަތިވެގެން ނޫނަސް އަމިއްލަ އަށް އިހްސާސްކޮށްލެވެން ވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *