އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ މަޖިލީހުން ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ --

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިން މިއަހަރުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދަން ނިންމާފައިވާ އަދަދަށްވުރެ އިތުރަށް ބޮންޑު ވިއްކުމަށް ރައްޔިތުން މަޖިލީހުން ހުއްދަ ދީފިއެވެ.

އިތުރަށް ބޮންޑު ވިއްކުމުގެ ހުއްދަ ދީފައިވަނީ މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހަށް ގަވަރުނަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިއަހަރު ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ބޮންޑު ވިއްކަން ޖެހިދާނެ ކަމަށާއި އެއީ ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކުމަށް މިހާރު މަސައްކަތް ކުރާ ބޮންޑު ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެ ބޮންޑާ އެކު މިއަހަރު ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރު ވެދާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރުގެ ސިޓީގައި ބަންޑާރަ ނާއިބުގެ ފަރާތުން ފިނޭންސް މިނިސްޓްރީ އަށް ދީފައިވާ ލަފާ ވެސް ވަނީ ހިމަނުއްވާފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓްގައި ހިމެނޭ ނެޓް ފައިނޭސިންގެ އަދަދު ހަ ބިލިއަން ރުފިޔާ އަށް އަރާއިރު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން އަހަރުގެ ތެރޭގައި ދަރަނި ނެގިދާނެ ކަމަށާއި އެހެން ނަމަވެސް އަހަރު ނިމުމުގެ ކުރިން ނެޓް ފައިނޭންސް ހަ ބިލިއަނަށް ވުރެ ކުޑަ ކުރެވިއްޖެ ނަމަ ބަޖެޓާ އެއްގޮތަށް އަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ބޮންޑު ވިއްކައިގެން އާމްދަނީ ހޯދަން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ބޮންޑު ވިއްކަން މަޖިލީހުން ރުހުން ހޯދަން ޖެހޭތޯ ސާފު ކުރަން ބޭނުންވާ ކަމަށާއި އަދި އެކަމުގައި މަޖިލީހުން ދެކޭ ގޮތް އަންގައި ދެއްވުމަށް ގަވަރުނަރު ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *