އާއްމު ސިއްހަތުގެ ނިޒާމަށް ހުރަސް އެޅުން ބަލައެއް ނުގަނެވޭނެ، އަޅަންޖެހޭ ފިޔަވަޅު އަޅާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ---

އާއްމު ސިއްހަތުގެ ނިޒާމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ސައިކަލު ބުރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްގެން ކަމަށް ބުނެ އެ ކޯލިޝަންގެ އިސް ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބައެއް ފަރާތްތައް ޖޫރިމަނާ ކޮށްފައި ވަނިކޮށެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއްމު ސިއްހަތުގެ ނިޒާމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.

އިދިކޮޅު ސައިކަލު ބުރާއި ގުޅިގެން އެންމެ ފުރަތަމަ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އޭގެފަހުން ރޭގެ ވަގުތެއްގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ހާޒިރު ކުރިއިރު އޭނާ ވަނީ 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިއަދުގެ ވަގުތެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހާޒިރު ކުރިއިރު މި ދެބޭފުޅުން ވެސް 1،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

މި ހުރިހާ ބޭފުޅުންވެސް ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން އެއް ވާހަކައެއް ވަނީ ތަކުރާރު ކުރައްވާފައެވެ. އެއީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެރުއްވި ފޮތް ބައްލަވައިގެންނެވި ފަރާތްތަކަށް އެ ފޮތުގައި ސޮއި ކުރުމަށް ބޭއްވި އިވެންޓުތަކުގައި އެމަނިކުފާނު މާސްކު އަޅުއްވާފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ވަޑައިގެންނެވިއިރުވެސް މާސްކު އަޅުއްވާފައި ނުވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި މައްސަލާގައި ޕީޕީއެމް ޕީއެންސީ ވަނީ 75،000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *