ޕޯސްޓުމޯޓަމް ހެދުމުގެ އިހްތިޔާރު ސީދާ ފުލުހުންނަށް ދޭން މަޖިލީހުން ފާސްކޮށްފި

2013ވަނަ އަހަރު ހެންވޭރު ގެސްޓު ހައުއެސްއެއްގެ ތެރޭގައި މަރުވި މީހެއްގެ ހަށިގަނޑު ފުލުހުން ނެރެނީ ---

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ޖުޑީޝަރީ ކޮމެޓީން ގެނެސްފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ދެ މެންބަރަކު ދެ އިސްލާހެއް ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން އެއް އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ދެ ވަނަ އިސްލާހެއް ހަމަ އެ ގާނޫނަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. ޖުޑީޝަރީ ކޮމެޓީން ވަނީ އެ ދެ އިސްލާހު އެއްކޮށްލައިގެން ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

ޖުޑީޝަރީ ކޮމެޓީން ގެނެސްފައިވާ މި އިސްލާހާއެކު ބިލު ފާސްކޮށްފައި ވަނީ -- މެންބަރުންގެ ވޯޓުންނެވެ. މިއީ ރާއްޖޭގެ ތާރިހުގައި ވެސް ގާނޫނެއްގައި ޕޯސްޓު-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދިން ފުރަތަމަ ފަހަރެވެ. ދެ ބިލު ހުށަހެޅުއްވިއިރު އެއްވެސް މެންބަރެއްގެ ބިލުގައި ޕޯސްޓު-މޯޓަމް ހެދުމުގެ މާއްދާއެއް ހިމަނާފައެއް ނުވެއެވެ. އެހެންކަމުން މިއީ ކޮމެޓީން ބިލަށް ގެނެސްފައިވާ އިސްލާހެކެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕޯސްޓް-މޯޓަމްއެއް ހަދަން ވާނީ، މެޑިކަލް ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ފޮރެންސިކް ޕެތޮލޮޖިސްޓެއްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. މާއްދާގައި ބަޔާން ކުރާ ފަދަ މަރުގެ މައްސަލަތަކާ ގުޅިގެން ހަދާ ޕޯސްޓް-މޯޓަމް ރިޕޯޓު، އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ކޯޓުން ގަބޫލު ކުރަން ވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޕޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބިލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

މި އިސްލާޙު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ، ގޮތް ނޭނގޭ ގޮތަށް މަރުވެފައިތިބޭ މީހުންގެ މަރުތަކުގެ މައްސަލަތަކާއި ޖިނާއީ ކުށްތަކާ ގުޅުން ހުންނަ ގޮތަށް މަރުވާ މީހުންގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓް-މޯޓަމް ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް ލިބިދިނުމުގެ ގޮތުން ކަމަށް ކޮމެޓީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *