ލައިވް ޕްރެސް ކޮންފަރެންސެއްގައި އަދުރޭ އަވަގުރާނަ ގޮވައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެ ރަނދުން" ފޮތަށް ނިސްބަތްކޮށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ލައިވް ޕްރެސް ކޮންފަރެންސެއްގައި އަވަގުރާނަ ގޮވައިފިއެވެ.

ރައީސް ނަޝީދު ލިޔުއްވި "ދެ ރަނދުން" ފޮތަށް އަދުރޭ އަވަގުރާނަ ގޮވީ ފުލުހުން އޮފީހަށް މިއަދު ހާޒިރުވުމަށްފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަގައެވެ. ގައިދުރުކަމެއް ނެތި، މާކްސް ނާޅައި މުޒާހަރާ ކުރި މައްސަލާގައި ފުލުހަށް ހާޒިރުކުރުމުން، އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައި، އަދުރޭ އަވަގުރާނަ ގޮވުމުން، ބައެއް މީހުން ހީސަމާސަ ކުރިއެވެ. އެ ޕްރެސް ކޮންފަރެންސް "ޗެނަލް13" އާއި
"ސަންގުޓީވީ"އިން ދިޔައީ ވަގުތުން ފޮނުވަމުންނެވެ.

ރައީސް ނަޝީދު ނެރުއްވި ފޮތުގެ ނަމަށް ނިސްބަތްކޮށް، އަދުރޭ އަވަގުރާނަ ގޮވުމަށްފަހު، އެއީ އޮޅިގެން ކުރެވުނު ކަމެއްކަމަށް ދެއްކުމަށް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

އަބްދުއްރަހީމް މިއަދު ފުލުހަށް ހާޒިރުކުރެއްވުމުން، އޭނާގެ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވީ ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައި ވަނިކޮށް، އިސްތިއުފާ ދެއްވި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބެވެ.

ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަދުރޭއަކީ މަޖިލީހުގެ ތަޅުމުގަ އާއި ކޮމެޓީތަކުގައި ވެސް މީގެ ކުރިން ބޭއަދަބީ ބަސްތައް ބޭނުންކުރެއްވި ބޭފުޅެކެވެ. އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މަންމާފުޅަށް ނިސްބަތްކޮށް، އަވަގުރާނަ ގޮވާފައިވެއެވެ. އަދި ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ، މަޖިލީހުގެ ކޮމެޓީން ބެލި ދުވަސްވަރު، އެ ކޮމެޓީގައި ވެސް މީގެ ކުރިން އޭނާ ވަނީ ބޭއަދަބީ ބަސްތައް ބޭނުންކުރައްވައި، ކޮމެޓީ ހުއްޓުވުމަށް މަސައްކަތް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *