ރޭޕްކުރުން ޖެހިލުންވާ ވަރަށް ހަރުކަށި އަދަބު ދޭންޖެހޭ: ޝަމީމް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

ރޭޕް ކުރުމާއި ޖިންސީ އަނިޔާގެ މައްސަލަތަކަށް ހަރުކަށި އަބަދުދީ އެކަންކަން ކުރަން މީހުން ޖެހިލުންވާ ވަރު ކުރަން ޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މި ދާގޮތަށްގޮސް، މިބާވަތުގެ ކަންކަން ކުރުމަކީ މީހުން އިންތިހާއަށް ޖެހިލުންވާ ކަމަކަށް ވާންދެން، ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. ސަރީއަތްތައް އަވަސްކުރަންޖެހޭ." ކަމަށެވެ.

ޝަމީމް މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނިކޮށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅު މައްސަލާގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 963، މަހްތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، ޢަލީ ޝިމާއު ޒުބައިރުއެވެ.

އެ މައްސަލާގައި މަހްތޫމް މޫސާ ދީދީގެ މައްޗަށް ކޮށްފައި ވަނީ، ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އެ މައްސަލާގައި ހިމެނޭ ޢަލީ ޝިމާއު ޒުބައިރުގެ މައްޗަށް ކޮށްފައި ވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ.

Leave a Reply

Your email address will not be published. Required fields are marked *