އެމްޑީޕީގެ ލޯކަލް ކައުްސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށް ސަރުކާރަށް ނިސްބަތްވާ މޭޔަރުން ފެއިލް ވުމަކީ އެމްޑިޕީއަށް ރަގަޅު ހިދުމަތެއް ނުދެވޭކަމުގެ ހެއްކެތްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި މާލެ ސިޓީ، އައްޑޫ އަދި ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރުންނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުމުން އެކަމަށް ފާޑު ވިދާޅުވަމުން ނެވެ.
މިކަމާއި ގުޅިގެން އާދަމް ޝަރީފްކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރު ނިސްބަތްވާ މޭޔަރުން އެމްޑީޕީގެ ޕްރައިމަރީއިން ފެއިލް ވުމުން އަންގައިދެނީ ސަރުކާރުން އެކަށޭނަ ހިދުަމަތެއް ރައްޔިތުންނަށް ނުދެވުނުކަން އެމްޑީޕީގެ މެންބަރުންވެސް ގަބޫލުކޮށްފި ކަމަށެވެ.
Sarukaaru nisbaiyvaa Mayors primary in fail vumun angaidhenee sarukaarun ekasheyna khidhumatheh nudhevunukan MDP members ves qabool koffikan. https://t.co/LDY3adqQRj
— Adam Shareef Umar (@Adamshareefz) February 1, 2020
މި އިންތިހާބުގައި މާލެސިޓީއާ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ މިހާރުގެ މޭޔަރުން ވަނީ ވާދަކުރައްވާފައެވެ. އެހެންނަމަވެސް ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މި ތިން މޭޔަރުންވެސް ވަނީ އިންތިހާބުން ބަލިވެފައެވެ. މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ވާދަކުރެއްވި ހަތް ބޭފުޅުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ. އައްޑޫ ސިޓީގެ ކައުންސިލު ކާމިޔާބު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި ފަލާހާއި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވީ އިސްމާއީލް ރަފީގެވެ.
ޕްރައިމަރީން ބަލިވިކަން ޤަބޫލުކުރައްވާ އައްޑޫ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޢަލީ ނިޒާރަށް މަރުހަބާ ދަންނަވާ، ސާދިގަށް ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ސާދިގަށް ވޯޓު ދެއްވި ބޭފުޅުން ހިތްވަރު ކުރެއްވުމަށްވެސް ސާދިގު އެދިވަޑައިގެންފައިވެއެވެ.