އެމްއެމްޕީއާރްސީ މެދުވެރިކޮށް މަސްވެރިކަން އިޝްތިހާރު ކުރުމަށް ހުށަހަޅައިފި

މަސްވެރިންތަކެއް، މަސްދޯންޏެއްގައި ---

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް މަސްވެރިކަން އިޝްތިހާރު ކުރުމަށް ހުށަހަލައިފިއެވެ.

މިގޮތަށް ހުށަހަޅާފައި ވަނީ ބޮޑު ކަންނެލި މަސްވެރިންނަށް ހަމަ އަގު ކަނޑައަޅައި ދިނުމާއި ކަންނެލި މަސްވެރިންގެ އެންމެހާ އަސާސީ ހައްގުތައް ރައްކާތެރިކޮށްދިނުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަން ދިރާސާ ކުރުމަށްފަހު ޕެޓިޝަން ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ސަރުކާރަށް ގިނަ ކަންކަން ހުށަހަޅާފައިވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތާއި އެއްގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކީ ބައިނަލްއަގުވާމީ މާކެޓުތަކާއި ކުންފުނިތަކާއި ރައްޓެހި ސިނާއަތަކަށް ހެދުމަށްޓަކައި ސަރުކާރުގެ ހާއްސަ ބެލުމުގެ ދަށުން އެމްއެމްޕީއާރްސީ މެދުވެރިކޮށް މަސްވެރިކަން އިޝްތިހާރު ކުރުމަށް ބާރު އެޅުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން އެ މަސައްކަތް ކުރުމަށް އެމްއެމްޕީއާރްސީގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް ވެސް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ބޮޑު ކަންނެލި މަސްވެރިންނާއި އޮޑިވެރިންގެ އަތުން ގަނެވޭ މަހުގެ އަދަދު އިތުރުކޮށް ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރެވޭ މިންވަރު އިތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވެސް ކޮމެޓީން ވަނީ ހުށަހަޅާފައެވެ.

މަސްގަންނަ ފަރާތްތަކުގެ މާލީ ގާބިލުކަން އިތުރުކޮށް ފަސޭހައިން މަސްކިރުމުގެ އިންތިޒާމާ މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތަކާއި އަދި އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނެސް ދިނުމަށްވެސް ކޮމެޓީ ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ކޮމެޓީ ރިޕޯޓުގައި އިތުރަށް ވަނީ މަސްވެރިންނަށް ލިބޭ އާމްދަނީ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރު ކުރުމަށްޓަކައި އަދި މަސްވެރިންނަށް ފަސޭހައިން "މަސްވެރިޔާ ކާޑު" ނުވަތަ ކޭޝް ކާޑުން ފައިސާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ބެހެއްޓުމަށްވެސް ހުށަހަޅާފައިވެއެވެ.

މަސްވެރިކަން އިޝްތިހާރު ކުރުމަށް ހުށަހެޅިއިރު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ދާދިފަހުން ވަނީ ބޮޑު ކަންނެލި މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ މަސްވެރި އެތަކެއް އާއިލާއެއް ހާލުގަ ޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބުނެފައެވެ. އަދި ބާނާ މަހަށް ހަމަ އަގު ދިނުމަށް އެ ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *