ކޮމަންވެލްތުގައި އަލުން ބައިވެރިވުމުން ދިވެހިންނަށް ފަހި ފުރުސަތުތަކެއް ލިބޭނެ

ކޮމަންވެލްތު ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ކޮމަންވެލްތު މެންބަރު ގައުމެއްގެ ގޮތުގައި އަލުން ރާއްޖެ ކަނޑައެޅުމާއި ގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުން ދިޔަ ކަމަށެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާ ފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

އެގޮތުން ނަވާރަ ސަތޭކަ ނުވަދިހަ ދެވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ފުރިހަމަޔަށް ބައިވެރިވަމުން އައިސްފައިވާއިރު، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ އެކި ކުޅިވަރުތަކުގައި ދިވެހި އެތުލީޓުންނަށް ވާދަކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމަންވެލްތު ވެފައި ވަނީ ބައިނަލްއަގުވާމީ އެހެން ޖަމްއިއްޔާތަކަށްވުރެ ބޮޑަށް ކުދި ގައުމުތަކުގެ މައްސަލަތަލަށް ފަރިތަ ޖަމްއިއްޔާއަކަށެވެ. މީގެ ކުރީގެ ތަޖުރިބާއަށް ބިނާކޮށް، ކުރިއަށް އޮތްތަނުގައި މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، ވިޔަފާރިއާއި، ޒުވާނުން ބާރުވެރިކުރުވުމާއި، ހެޔޮވެރިކަމާއި، މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ދިވެހިރާއްޖެއާއި ކޮމަންވެލްތާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ޖަމްއިއްޔާގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެއެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ހުށަހަޅައި، އެމަސައްކަތް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 17 ނޮވެމްބަރު 2018 ވަނަ ދުވަހު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއްކަންތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ ކެބިނެޓުން ރުހުން ދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކާއި އެއްގޮތަށް ކޮމަންވެލްތަށް ވަނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ކޮމަންވެލްތަށް އަލުން ވަނުމަށް ދިވެހިރާއްޖެއިން ހުށަހެޅުމުން، 2019 ޖެނުއަރީގައި ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެން، ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވައި، ރާއްޖޭގެ ފުރަތަމަ އެސެސްމަންޓް ހެއްދެވިއެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވްކުރުމަށް ކޮމަންވެލްތު އޮބްޒާވަރ ގްރޫޕެއް ރާއްޖެއަށް ޒިޔާރަތްކުރެއްވިއެވެ. ކޮމަންވެލްތުގެ މެމްބަރަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ޑޮކިއުމެންޓެއް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި 2019 ޖޫން 12 ވަނަ ދުވަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގެން ހަވާލުކުރެއްވިއެވެ. އަދި 2019 އޮގަސްޓްގައި ކޮމަންވެލްތުގެ ދެވަނަ އެސެސްމަންޓް މިޝަން ރާއްޖެއަށް ޒިޔާރަތްކުރައްވައި، ކަމާ ބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *