އިދިކޮޅަށް ލިބުނު ތަރުހީބު ފެނި ރައީސް ސޯލިހަށް ވަރަށް އަސަރުކޮށްފި: އަދުރޭ

އިދިކޮޅުން ބޭއްވި ބައްދަލުވުމެއްގައި އަދުރޭ ވާހަކަދައްކަވަނީ، އަދުރޭ އަކީ މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ ބޭފުޅާ: ފޮޓޯ / ހަތާވީސް

ސަރުކާރާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލެއާ އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ ހިނގާލުންތަކަށް ލިބުނު ތަރުހީބު ފެނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ސޯލިހު ވަޑައިގެން އެ ހާދިސާއާ ގުޅޭ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވުމުން އެކަމަށް އަސަރު ކޮށްފައިވާ މިންވަރު ވަރަށް ސާފުކޮށް ދޭހަވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ އެފަދަ ބޮޑު ހާދިސާއެއް ހިނގައިގެން އުޅުނުއިރު ވެސް ރައީސް ސޯލިހު މަސައްކަތް ކުރެއްވީ އިދިކޮޅުން ބޭއްވި އިހުތިޖާޖުގެ ވާހަކަތައް ދެއްކުމަށް ކަމަށެވެ. އޭނާ ވަނީ އެއީ ގައުމުތަކުގެ ރައީސުން އަމަލުކުރާ ގޮތްތޯ ވިދާޅުވެ ރައީސް ސޯލިހަށް ފާޑު ވިދާޅުވެފައެވެ.

"ލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރު، އެ ތަނަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން އެ ހިތާމަވެރި ހާދިސާގެ ވާހަކަ ބާއްވާފައި މި ވާހަކަ ދައްކާނީ ގައިމު ލައްކަ އަސަރެއް ކޮށްފައި އޮތީމަތާ،" އަދުރޭ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އަދުރޭ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުންތޯ ސުވާލު އުފައްދާވައެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ނެރުއްވި "ދެރަދުން" ވާހަކަފޮތް ވިއްކަމުން ދިޔައިރު އެތަނަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ބޭފުޅުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވީ ހަރަކާތް ބޭއްވިތާ އެތައް އިރެއްވީ ފަހުން ކަމަށެވެ. އެކަމުން ވެސް އިނގެނީ އެއީ ފުލުހުން ބޭނުންވެގެން ކުރާ ކަމެއް ނޫންކަން ކަމަށާއި އެއީ ސިޔާސީ ނުފޫޒުން ކުރާ ކަމެއްކަން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *