އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ، މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓު ލިބިފައެއް ނެތް: އެމްއެންޑީއެފް

ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި އިމާރާތެއްގައި ރޯވެ އަނދަނީ: ފޮޓޯ / ހަތާވީސް

މާލޭގެ ހެންވޭރުގައި ހުރި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަދި މިހާތަނަށް އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވި ކަމަށް އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި ހުރި ކެފޭއެއްގައި ކަމަށެވެ. ނަމަވެސް ފަހުން އަލިފާންގަނޑު ވަނީ އުރީދޫ އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ވެސް ހިންގާ އިމާރާތަށް ފެތުރިފައެވެ.

އަލިފާން ރޯވެގެން އުޅޭ ސަރަހައްދަށް އާއްމު ރައްޔިތުން ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ބުނީ އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސް ކުރަނީ ދުމުން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލޭގައި ހިނގައިގެން އުޅޭ އަލިފާނުގެ ހާދިސާ އެ އޮތޯރިޓީގެ ފަރާތުން ދަނީ މޮނީޓާ ކުރަމުން ކަމަށެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އަލިފާނުގެ ހާދިސާ ހިނގާ ސަރަޙައްދަށް އާއްމު ފަރާތްތަކުން ނުދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ. މިވަގުތު ބޮޑުތަކުރުފާނު މަގު އެސްބީއައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ އަސަރު ކުރުމުން ނުރައްކާވެދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ ކޮވިޑް19 ޕޮޒިޓިވް ފަރާތްތަކާއި ކޮންޓެކްޓްސް 1676 އަށް ގުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. 

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް މިހާރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވަޑައިގެންފައެވެ. "ރާއްޖެޓީވީ" އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވަނީ އެ ސަރަހައްދަށް ކުޅި ބަލަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވިދާޅުވީ ސިފައިން އެމީހުންގެ ވާޖިބު އަދާ ކުރައްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *