އެންގި ގޮތާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގުމުން ފިޔަވަޅު އަޅާނަން: އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް: ފޮޓޯ / އަވަސް

އެންގި ގޮތާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ޕާޓީތަކުން ހިންގުމުން ފިޔަވަޅު އަޅާނަން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިފަދައިން ވިދާޅުވެފައި މިވަނީ މިވަނީ "ގައުމު ވިއްކާލުމާއި ދެކޮޅަށް" އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ ހިލާފަށް އަމަލުކޮށްފައިވާތީ އެކަމާ ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެގޮތުން ޓްވީޓާގައި މީހަކު އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އިހުތިޖާޖުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ހިލާފުވެއްޖެ ނޫންތޯ ބުނުމުން އޭގެ ޖަވާބުގައި އަކްރަމް ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ޕާޓީތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަމާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް މިފަދައިން ވިދާޅުވިއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ރައްޔިތުންގެ ސިއްހީ ރައްކަތެރިކަން ނަގާލުމުގައި ވަރަށް ބޮޑު ފަރަގެއްވާ ކަމަށެވެ. އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަލާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވާން ގޮވާލާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައި މިވަނީ މި ދުވަސްވަރު މިފަދަ ހަރަކާތްތައް ނުހިންގުމަށާއި މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ. އެހެންނަމަވެސް މިއަދުގެ މުޒާހަރާ އަކަށް ފުލުހުން ހުރަސް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް ފަހުން ފުލުހުން ވަނީ މާލޭގައި ކުރިޔަށް ގެންދިޔަ ސައިކަލު ބުރުގައި އެޗްޕީއޭގެ މިންގަނޑާ ހިލާފުވި މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *