އިދިކޮޅު މުޒާހަރާއާ އެކު ގައިދުރުކަމުގެ ބަހުސަކަށް!

މާލޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން: ފޮޓޯ / ޕީޕީއެމް

ކޮވިޑްގެ ސަބަބުން ރާއްޖެއަށް އެތަކެއް ގޮތުން ގެއްލުންތައް ލިބިއްޖެއެވެ. ރާއްޖޭގެ އިގްތިސޯދު "ފުނޑިއްޖެ"އެވެ. ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެ ޑޮލަރުގެ އަގުވެސް ބްލެކު މާކެޓުގައި ބޮޑުވެއްޖެއެވެ. އެތަކެއް ބައެއްގެ ވަޒީފާތަކަށް އަސަރުކޮށްފިއެވެ. އެތަކެއް އާއިލާތަކެއް ދިރިއުޅުން އުފަން ރަށަށް ބަދަލުކުރަން ޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެންނެވެ. މިއީ ހަމައެކަނި ކޮވިޑްގެ ސަބަބުން ރައްޔިތުންނަށް ދިމާވި ތަކުލީފުތަކެވެ. މިކަމުން އަރައިގަތުމަށް ސަރުކާރުން އެތަކެއް މަސައްކަތްތަކެއް އެބަ ކުރެއެވެ.

އިގްތިސޯދު ހަލާކުވި ނަމަވެސް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ރާއްޖޭގެ ބޯޑަރުތައް ވެސް ތިން މަސް ދުވަހަށް ސަރުކާރުން ބަންދުކުރިއެވެ. ވިޔަފާރިވެރިންނަށް ކިތަންމެ ގެއްލުންވި ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ވެސް ކުރިއެވެ. ލޮކްޑައުންކޮށްފައި ދުވަސްތަކެއް ބޭއްވުމުން އެކަމުގެ ނަތީޖާވެސް ފެނުނެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވިއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން އިއުލާންކުރި ލޮކްޑައުން އަށް ލުއިތައްދީ ސަރުކާރު އޮފީސްތަކާއި އެނޫންވެސް ތަންތަން ހުޅުވާލިއެވެ.

ނޯތު ހާބަރުގައި ބަނދަރު ކޮށްފައިވާ އޮތް ދޯންޏެއް ކައިރީގައި ބަޔަކު މީހުން، އެއްބަޔަކު މާސްކު އަޅައިގެން އެއްވެސް ގައިދުރު ކަމެއް ނެތި: ފޮޓޯ / ސަން

އެއާއިއެކު ދިވެހިން ކޮވިޑް މަތިން ހަނދާން ނެތިއްޖެއެވެ. ގައިދުރުކަމެއް ނުބެހެއްޓިއެވެ. މާސްކު އަޅައިގެން ވެސް އުޅެނީ ހިތަށް އެރިއްޔާއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޖުލައި މަހުގެ 28ވަނަ ދުވަހު 100 އިން މައްޗަށް ކޮވިޑްގެ ނަންބަރުތައް އެރިގޮތަށް އެ ނަންބަރުތައް ވެއްޓޭ ގޮތް ނުވުމެވެ.

ބަސް ނޭހުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ސަރުކާރުން މިކަމުގައި އިތުރު ފިޔަވަޅުތައް އަޅަން މަޖުބޫރު ކުރުވުމެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރު ކުރުވިއެވެ. އަދި ރޭގަނޑު 10:00އިން ފަތިހު 5:00އަށް މާލޭގައި ކާފިއު ހިންގަން އިއުލާން ކުރިއެވެ. އެވަރުންވެސް ނަންބަރުތައް ވެއްޓޭ ގޮތެއް ނުވިއެވެ. ކާފިއުގެ ވަގުތުގައި އެއްވެސް މީހަކު ގެއިން ބޭރަށް ނުނިކުތް ނަމަވެސް ދުވާލުގެ ވަގުތުތަކުގައި މާލެތެރޭގައި އާއްމުން އުޅުނީ ހިތަށް އެރި ގޮތަކަށެވެ. އޭގެތެރެއިން އެއް ސަރަހައްދަކީ ބާޒާރު މައްޗެވެ. ގައިދުރު ކަމެއް ނެތެވެ. މާސްކު އަޅައިގެން ތިބޭތަނެއް ނުފެނެއެވެ. ފިހާރަތައް ވެސް ހަމަ އެފަދައިންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދަކަށް ބޯލަނބާ ތަނެއް ފެނިގެން ނުދެއެވެ.

ބާޒާރު މަތި، ދޯންޏެއް ކައިރީގައި ބަޔަކު މަސްގަންނަން ގޮސް: ފޮޓޯ / ސަން

އެނޫންވެސް އެކިއެކި ހަފްލާތަކާއި ބައެއް ކުދިކުދި އިވެންޓުތައް މީހުން ބާއްވާ އުޅުނެވެ. ސިޔާސީ ބައެއް ފަރާތްތަކުންވެސް މިފަދަ ކުދިކުދި ހަފްލާތައް ބާއްވާ އުޅުނެވެ. އެހެންނަމަވެސް މި ދެންނެވި ގައިދުރުކަމެއް މާސްކު އެޅުމެއް ފެންނާކަށް ނެތެވެ. އެކަމަކު އިދިކޮޅުން މިއަދު "ގައުމު ވިއްކާލުމާއި" ދެކޮޅަށް ކުރި މުޒާހަރާއާ އެކު "ގައިދުރު" ކަމުގެ ބަހުސެއް މިވަނީ ފެށިފައެވެ. އިދިކޮޅު ލީޑާޝިޕުން އިސް ނަގައިގެން މާލޭގައި ބޭއްވި ސައިކަލު ބުރުގައި އެއްވެސް ގައިދުރު ކަމެއް ނުފެނެއެވެ. އެއާއިއެކު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަންތަނަށް އެއްވާން ބޭނުން ނަމަ "ހައްޖަށް ދިއުމަށް" ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެކަން ނުކޮށް ވެސް މުޒާހަރާ ކުރެވޭނެ ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ފްރަންޓުލައިންގައި މަސައްކަތް ކުރާ ފަރާތްތައް ވަރުބަލިގެން ވެއްޓޭ ވަރަށް މަސައްކަތް ކުރާތާ 7 މަސް ވެއްޖެ ކަމަށާއި ސިޔާސީ ހަރަކާތްތައް ޒިންމާދާރު ކަމާއިއެކުގައި ހިންގުމަށް މަހްލޫފު ވަނީ ގޮވާލައްވާފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަށް މަގުމައްޗަށް މީހުން ނެރެ ގައިގޯޅި ކުރުވުމުގެ ބޭނުމަކީ، މީހުން އެއްވެ އުޅުން މަދުވެ ގައިދުރުވެއްޖެ ނަމަ ކޮވިޑުގެ ހާލަތު ރަނގަޅުވެ އިގްތިސޯދީ ދުވެލި ރަނގަޅު ވެދާނެތީ އެކަން ވިޔަނުދިނުން ކަމަށެވެ.

ޓްވީޓާގައި ވައްޑޭ ކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެންމެން ވެސް ތިން ފޫޓު ދުރުމިނުގެ ވާހަކައާ މާސްކުގެ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. މިއަދު އިދިކޮޅުގެ މުޒާހަރާގައި އެންމެ މީހަކު ޕޮޒިޓިވްކޮށް ހުރި ނަމަވެސް އެއީ އަންނަ ހަފްތާއަށް ޕޮޒިޓިވްވާ 100 މީހުން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އިދިކޮޅު ލީޑާޝިޕާއި އިދިކޮޅުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ޕޯސްޓު ކުރުމަށްފަހު ބުނަމުން ދަނީ އެއީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކޮށްފައިވާ ކަންކަންތޯއެވެ.

އިދިކޮޅުން ދައުރު ކުރަމުން ދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި "ދެރަދުން" ފޮތް މާލޭގެ އެކި ސަރަހައްދުތަކުގައި ވިއްކަމުން ދިޔައިރު ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން މާސްކު އެޅުމެއް ނެތި އަދި ގައިދުރުކަން ނުބަހައްޓާ ތިބި ފޮޓޯތަކެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *