"ގައުމު ވިއްކާލުމާ ދެކޮޅަށް" އިދިކޮޅުން އިހުތިޖާޖުކޮށްފި

މާލޭގައި އިދިކޮޅުން ބޭއްވި ސައިކަލު ބުރުގެ ތެރެއިން --

"ގައުމު ވިއްކާލުމާއި ދެކޮޅަށް" އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖުކޮށްފިއެވެ.

އިދިކޮޅުން މާލޭގައި ކުރިޔަށް ގެންގޮސްފައި ވަނީ ސައިކަލު ބުރެކެވެ. އެ ސައިކަލު ބުރުގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ރާއްޖޭގެ ބައެއް ރަށްތަކުގައި ހިނގާލުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. މިފަދަ ނުރައްކާތެރި ހާލަތެއްގައި ގައުމު އޮތްއިރު މި އަނދަވަޅުން ގައުމު ސަލާމަތް ކުރެވެން އޮތް ހަމަ އެކަނި ބޭފުޅަކީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ބުނެފައެވެ.

އިދިކޮޅުން އިހުތިޖާޖުކޮށްފައި މިވަނީ އެޗްޕީއޭ އިން ހަތަރު މީހުންނަށްވުރެ ގިނައިން އެއްނުވުމަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ފުލުހުންވެސް ވަނީ މި ދަނޑިވަޅުގައި އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް ފުލުހުން އިދިކޮޅުގެ އިހުތިޖާޖަކަށް ހުރަސް އަޅާފައެއް ނުވެއެވެ.

އިދިކޮޅުން ދާދިފަހުން ވަނީ ކ. މާފުށި ބޭރުގައި އޮޑިދޯނިފަހަރުތަކުގައި ތިބެގެން ވެސް އިހުތިޖާޖުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *