ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑު ކުށަކަށް ހަދަން ކޮމެޓީން ފާސްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގީނާ ކުރުމާއި ރޭޕް ކުރުމާއި ދެކޮޅަށް ބަޔަކު އަޑު އުފުލަނީ: ފޮޓޯ / ސަން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ކޮމެޓީން ފާސްކޮށްފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. އެހެންނަމަވެސް ހަމަ އެ ގާނޫނަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އިސްލާހެއްގައި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ވަނީ ބޮޑު ކުށަކަށް ހެދުމަށް ހުށަހަޅާފައެވެ. އެހެންކަމުން ޖުޑީޝަރީ ކޮމެޓީން ބިލުގެ މަސައްކަތް ކޮށްފައިވަނީ ޖީހާން ހުށަހެޅުއްވި ބިލާއި ޒަރީރުގެ ބިލު އެއްކޮށްލައިގެންނެވެ. ކޮމެޓީން ވަނީ އެ ބިލު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެ އެވެ. އެކަމަކު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކެއް މިހާރު ނުހިމެނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ:

- މީހުން މެރުމުގެ ކުށް؛

- އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛

- ޓެރަރިޒަމްގެ ކުށް؛

- މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛

- މީހުން ޓްރެފިކްކުރުމުގެ ކުށް؛

- މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛

- ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛

- ކޮރަޕްޝަންގެ ކުށް؛

- ގޭންގު ކުށް؛

- މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛

- ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއި ބޮޑު ކުށަކަށް ހަދަން ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފައިވާއިރު މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *