ހެލްތާ ފިނޭންސްގެ ވާހަކަތައް ދިމަލެއްނުވި!

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު (ކ) އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު (ވ) ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުނިން ވެންޓިލޭޓަރުތައް ގެނައުން ލަސްވެ ދައުލަތުން އެކަމަށް ބޮޑު ހަރަދެއް ކުރި މައްސަލާގައި ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ ވާހަކަތައް ދިމާނުވާކަން އެ ދެ މިނިސްޓްރީގެ ބޭފުޅުންގެ ވާހަކަތަކުން ހާމަވެއްޖެއެވެ.

މި ވެންޓިލޭޓަރުތަކުގެ މައްސަލަތައް މީގެކުރިންވެސް ކޮންމެވެސް ވަރަކަށް ފެންމަތިވި ނަމަވެސް މިކަން އެންމެ ބޮޑަށް ފެންތިވެގެން ދިޔައީ ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް އޮޑިޓު އޮފީހުން އެކުލަވާލި ހިސާބުންނެވެ.

އެ ރިޕޯޓުގައި ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެކަމާއި ގުޅިގެން އޮޑިޓާ ޖެނެރަލް ވެސް އަދި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް މިނިސްޓަރު ވެސް ވަނީ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމް މާލިއްޔަތު ކޮމެޓީގައި ވިދާޅުވީ ޑްވާންސް ފައިސާ ދޫކުރީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފަ އާއި ފިނޭންސް މިނިސްޓްރީން ލިއުން ދީފައިވާ ހުއްދަތަކަށް ރިއާޔަތްކޮށް ކަމަށެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު އަމީރު އެކަން ދޮގު ކުރައްވައެވެ.

"އެގްރިމަންޓަށް ފަހު އޭގެ ދަށުން ފުރިހަމަވާން ޖެހޭ ޕާފޯމެންސް ގެރެންޓީ އާއި އެހެން ކަންކަން ފުރިހަމަވޭތޯ ސިސްޓަމަށް ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ ކުރިން ބެލުމަކީ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެއް. މި މިނިސްޓްރީއިން އެ ވާހަަކަ މާލިއްޔަތާ ބެހޭ ސާކިއުލާއިން ވަރަށް ސާފުކޮށް ވަކިވަކިން ބުނެދީފައިވާނެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޓްރާންސެކްޝަންތައް ސިސްޓަމަށް އަޅައި ޕޯސްޓް ކުރި ފަރާތުން،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ވެންޓިލޭޓަރުތައް ލިބެން އަންނަނީ އެޑްވާންސް ފައިސާގެ 75 ޕަސެންޓު ފައިސާ ދައްކައިގެން ކަމަށް ހެލްތުން ފިނޭންސަށް އެންގި ކަމަށެވެ. އަދި އެ އެންގުމުގައި ދުބާއީގެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރިކަމަންޑަޑް ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އެޑްވާންސް ފައިސާ ދޫކުރަން ހުއްދަ ދެއްވި ކަމަށް އަމީރު ވިދާޅުވިއެވެ. އެ ފައިސާ ވެސް ދޫކޮށްފައި ވާނީ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެފައިސާ ދޫކުރީ މާލިއްޔަތު ގަވާއިދުގެ 10.67(ނ) ގެ ދަށުން ކަމަށް އަމީރު ވިދާޅުވިއެވެ.

"މާލިއްޔަތު ގަވާއިދުގެ 10.67ގެ (ރ) ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގާ އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާ އެކު ހެދިފައިވާ އެގްރިމަންޓްގައިވެސް ހިމެނޭ ކަމެއް. އެހެންކަމުން ގެރެންޓީ ނެގުމާ މެދު ފިނޭންސުން ލުއި ދީފައިނުވާތީ އެގެރެންޓީ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރުވެސް ގެރެންޓީ ހޯދަން ޖެހޭނެ ކަމަށް ފާހަގަ ކުރަން،" އަމީރު ވިދާޅުވިއެވެ.

މި މައްސަލާގައި ހެލްތު މިނިސްޓްރީން ހާޒިރުކުރި ކޮމެޓީގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާ މަޝްވަރާ ކުރީ ސިއްރުން ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަމީނު ވިދާޅުވީ އެމަނިކުފާނާއި ޑަބްލިއުއެޗްއޯ އާއިއެކު ކުރިޔަށް ގެންދިޔަ މުއާމަލާތްތަކަކީ ސިއްރު މުއާމަލާތްތަކެއް ނޫން ކަމަށެވެ. އަދި އެ މުއާމަލާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ ރަސްމީ އީމެއިލް އެކައުންޓުން ކަމަށާއި ޑަބްލިއުއެޗްއޯ އިން އެކަމުގައި ދެއްވި ޖަވާބުތައް ވެސް ފޮނުވީ އީމެއިލް އިން ކަމަށްވާތީ އެއީ ސިއްރު މުއާމަލާތްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީނު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ގާސިމް ވިދާޅުވީ ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ ހަމައެކަނި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ނޫން ކަމަށެވެ. ރާއްޖޭގެ ކުންފުނިތަކަކަށް ވެސް ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައިވާ ކަމަށާއި ދުބާއީ ކުންފުންޏަށް ވުރެ އަގުބޮޑު ކޮށް ވެސް ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށްފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭގެތެރެއިން މެޑްޓެކް ފިޔަވާ އެހެން އެއްވެސް ކުންފުންޏަކުން ވެންޓިލޭޓަރު ގެނެސްފައި ނުވާ ކަމަށެވެ. އެހެންކަމުން ވެންޓިލޭޓަރުތަކުގެ މައްސަލަ ޖެހުނީ ހަމައެކަނި ދުބާއީ ކުންފުނީގައި ނޫން ކަމަށާއި އެ ހުރިހާ މައުލޫމާތުތަކެއް އޮޑިޓް އޮފީހާ ފަހުން ހިއްސާ ކޮށްފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުންޏާ އަދި ހަވާލުކުރި އަދަދާއި ދުވަހާއި ހުރިހާ މައުލޫމާތެއް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމަ ގައިމު ވެސް ހެލްތު މިނިސްޓްރީން ފޮނުވި ހުރިހާ މައުލޫމާތެއް ފަހުން ނެރުނު ރިޕޯޓަކު ނެތް،" ގާސިމް ވިދާޅުވިއެވެ.

އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ގުޅިގެން ތަހުގީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އަމީނު ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *