ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ޝަރީއަތަށް ގޮސްގެންވެސް ގެއްލުމުގެ ބަދަލު ހޯދާނަން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލިސް ކޮމެޓީއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރި 75 ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ޝަރީއަތަށް ގޮސްގެން ނަމަވެސް ގެއްލުމުގެ ބަދަލު ހޯދާނަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްޔެ ވެންޓިލޭޓަރު މައްސަލާގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި ގިނަ ކަންކަން ފެންމަތިވެފައި ވާތީ އެކަން ވަރަށް ގާތުން މިހާރު އެމަނިކުފާނު ބައްލަވަމުން އަންނަ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ކޯޓަށް ގޮސްގެން ވެސް އެ ފައިސާ ހޯއްދަވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މި މައްސަލާގައި ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އެކުގައި ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީން ވަނީ އަންނަ އާދީއްތަ ދުވަހު އެ ވެންޓިލޭޓަރުތައް ރާއްޖެ ގެންނާނެ ކަމަށް ދުބާއީ ކުންފުނިން ލިޔުމުން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ބުނެފައެވެ.

އިއްޔެގެ ކޮމެޓީގައި އިތުރަށް ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ވެންޓިލޭޓަރާ ގުޅިގެން އެކުލަވާލި އެއްބަސްވުމުގައި ތަކެތި ގެނެސްދިނުން ލަސްވާ ކަމަށްވާ ނަމަ ޑިލޭ ޗާޖެއް ނެގޭނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ނުހޯދޭ ނަމަ، ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައިގެން ވެސް އެ ފައިސާ ހޯދޭނެ ކަމަށް އެއްބަސްވުމުގައި ލިޔެވިފައިވާ ކަމަށެވެ.

ނުލިބިއްޖެނަމަ ޝަރީއަތަށް ގޮސްގެން ނަމަވެސް ގެއްލުމުގެ ބަދަލު ހޯދާނަން ކަމަށް އަމީރު ވިދާޅުވިއިރު ވެންޓިލޭޓަރުތައް ގެއްލިގެން ދިޔަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވަނީ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *