ކޮރޯނާއާއި ގުޅޭ ދޮގު މައުލޫމާތު ފެތުރި 5 މީހަކު ހައްޔަރުކޮށްފި

މެލޭޝިއާ/ ފޮޓޯ: ބްރިޓެނިކާ

 ކޮރޯނާ ވައިރަހާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރިކަމުގެ ތުހުމަތުގައި މެލޭޝިޔާއިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޓީޗަރަކާއި، ފާމަސީ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާ ދެ މީހެއްގެ އިތުރުން ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު ހިމެނޭ ކަމަށެވެ.

މެލޭޝިޔާގެ ކޮމިއުނިކޭޝަންސް އަދި މަލްޓިމީޑިޔާ ކޮމިޝަނުން ބުނީ، ކޮރޯނާ ވައިރަހާ ގުޅޭ ގޮތުން ފޭސްބުކްގައި ދޮގު މައުލޫމާތު ޝާއިއުކުރިކަމުގެ ތުހުމަތުގައި، 49 އަހަރުގެ ޓިއުޝަން ޓީޗަރަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

 މި މީހުން ހައްޔަރުކުރެވިފައިވަނީ ދެ ދުވަސް މަތިން މެލޭޝިޔާގެ އެކި ސަރަހައްދުތަކުން ކަމަށް ވެސް ކޮމިޝަނުން ހާމަކުރި އެވެ. ކޮރޯނާ ވައިރަސްއާއި ގުޅޭ ދޮގު ހަބަރު ފަތުރައިގެން މެލޭޝިޔާއިން މި ފަސް މީހުން ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިންވެސް ކޮރޯނާއާއި ގެޅޭ ދޮގު ހަބަރު ފަތުރައިގެން މެލޭޝިޔާއިންވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ފެނިގެންދިޔަ ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައެވެ. ވައިރަސްގެ ސަބަބުން 213 މީހަކު މިހާތަނަށް މަރުވެފައިވާއިރު 11،000 އެއްހާ މީހުންނަށް މި ބަލި ޖެހިފައިވާކަމަށް ޗައިނާގެ ހަބަރުފަތުރާ ނޫސް އެޖެންސީތަކުން ވަނީ ހާމަކޮށްފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.