ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ އަނބުރާ ހޯދާނަން: އަމީރު

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީރު ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކުރި 75 ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓަރ ޓްރޭޑިންއާ ކަމަށްވާއިރު، އެ ކުންފުނިން ރާއްޖެ ފޮނުވާފައިވަނީ 11 ވެންޓިލޭޓަރެވެ. ނަމަވެސް ފޮނުވި ވެންޓިލޭޓަރުތަކަކީ ފެންވަރު ދަށް، ހެލްތު މިނިސްޓްރީން ކަނޑައެޅި ޝަރުތުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މިވަގުތު ދެކެވެމުންދާ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީ މިވަގުތު ވެސް ހިނގަމުންދާ ކޮންޓްރެކްޓެއް ކަމަށް ގަބޫލުކުރާ ކަމަށާއި މައްސަލަތަކެއް ފެންމަތިވެފައިވީ ނަމަވެސް ހެލްތު މިނިސްޓްރީން މިހާރުވެސް އެ ތަކެތި ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް މި ތަކެތި ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ވެންޓިލޭޓަރުގެ ކޭސްގައި ފިނޭންސް މިނިސްޓްރީން ކަންތައްކޮށްފައިވާނީ މާލިއްޔަތު ގަވާއިދަށް ރިއާޔަތްކޮށް، ހާލަތަށް ބަލައި، ކުރަންޖެހޭ ހަރަދުކޮށްގެން ދައުލަތަށް ސިއްހީ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ތަކެތި ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އޭގެއިތުރުން ފިނޭންސުން މަސައްކަތްކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ވީ އެންމެ ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އަމީރު ވިދާޅުވިއިރު، ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަކަށް އަދިވެސް ދެކެވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފުލުހުންނާއި އޭސީސީން މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު، މި ތަހުގީގު ނިމެންދެން މިނިސްޓަރު އަމީން މިހާރު ވަނީ މަސައްކަތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައެވެ. އަދި ރައީސް އޮފީހުން ވަނީ ހެލްތު މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުން ސަސްޕެންޑުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *