އަލުން ހުވާ ކުރައްވަން އެންގުން: މައުސޫމް އެއްޗެއް ވިދާޅެއް ނުވި!

ޓޫރިޒަމް މިނިސްޓަރު މައުސޫމް: މަގާމަށް ވަޑައިގެންނެވިއިރު ހުންނެވީ ކުންފުންޏެއްގެ އެމްޑީއެއްގެ މަގާމުގައި

އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމުން، ވަޒީރުކަމުގެ މަގާމާމުގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާތީ އަލުން ހުވާ ކުރެއްވުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ލަފާ ދިން މައްސަލާގައި ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް އެގޮތަށް ވިދާޅުވީ ރާއްޖޭޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖާވާބު ދެއްވަމުންނެވެ.

"އަޅުގަނޑުގެ ސީވީއަކީ ޖައްވަށް ދޫކޮށްލާފައިވާ ސީވީއެއް. ތިބޭފުޅުން ލިންކްޑިން ބަލާލިޔަސް، ފޭސްބުކް ބަލާލިޔަސް، އަޅުގަނޑުގެ ސީވީ އެއްޗެހި ފެންނަން ހުންނާނެ. ދެން ތި ވިދާޅުވި ކަންތައްތަކުގައި އަޅުގަނޑު ކޮމެންޓެއް ނުކުރާނަން،" ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ މައުސޫމް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މައްސަކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ.

މަޖިލީހުގެ ހޯދުންތަކުން އެނގޭ ގޮތުން އަމިއްލަ ކުންފުންޏެއްގެ ވަޒީފާ މައުސޫމް ދޫކޮށްލެއްވީ ވަޒީރުކަމުގެ ހުވާ ކުރެއްވިފަހުންނެވެ. އެ މައްސަލާގައި އެމްޑީޕީ ގިނަ މެމްބަރުން ބުނެފައި ވަނީ މައުސޫމް މަގާމާ ހަވާލުވާން ޖެހޭނީ އެ ކުންފުނިން އިސްތިއުފާ ދެއްވުމަށްފަހުގައި ކަމަށެވެ.

އެ މައްސަލަ އެގޮތަށް އޮއްވައި އޭނާއަށް ރުހުން ދޭން މަޖިލީހުގެ ތަޅުމަށް ކޮމެޓީން އިއްޔެ ހުށަހެޅިއެވެ. ނަމަވެސް އަލުން އަބުރާ އެ މައްސަލަ ކޮމެޓީއަށް ފޮނުވުމުން، އެ ކޮމެޓީން މިއަދު ފާސްކޮށްފައި ވަނީ މައުސޫމް އަލުން ހުވާ ކުރައްވަންޖެހޭ ގޮތަށް މަޖިލީހުން ލަފާދިނުމަށެވެ. މަޖިލީހުން އެ ލަފާ ދިނުމަށް ފާސްވާނީ ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.

Leave a Reply

Your email address will not be published.