ދޮގު މައުލޫމާތު ދިން މައްސަލާގައި އަމީން އިމްތިޔާޒު ކޮމެޓީއަށް ހާޒިރު ކުރަނީ

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ދުބާއީ ކުންފުންޏަށް ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މި މައްސަލަ ބަލައި ދިނުމަށް އިމްތިޔާޒު ކޮމެޓީގައި އެދިފައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މިއަދު ވަނީ އިމްތިޔާޒު ކޮމެޓީގެ ސަބް ކޮމެޓީއެއް ބާއްވާފައެވެ. އަދި ސަބް ކޮމެޓީން ނިންމާފައި ވަނީ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެ މައްސަލަ ބަަލާ ނިންމުމަށެވެ. އެހެންކަމުން އެ މައްސަލާގައި އަމީން ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމިއެވެ. ނަމަވެސް ހާޒިރު ކުރާނެ ތާރީހެއް ކަނޑައެއް ނާޅައެވެ.

ވެންޓިލޭޓަރު މައްސަލާގައި އިއްޔެ އަމީނުގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާއި އެ މިނިސްޓްރީގެ ބިޑު ކޮމެޓީ ވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރު ކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ކޮވިޑް19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާ މަޝްވަރާ ކުރީ ސިއްރުން ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި އެކަމުގައި އަމިއްލަ އެއްވެސް އެދުމެއް ބާއްވާފައި ނުވާ ކަމަށެވެ.

އަމީނު ވިދާޅުވީ އެމަނިކުފާނު ޑަބްލިއުއެޗްއޯގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ވެންޓިލޭޓަރުގެ މައްސަލާގައި ދެއްކެވި އެއްވެސް ވާހަކައަކީ ސިއްރު ވާހަކައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަމީނު ވިދާޅުވީ އެމަނިކުފާނާއި ޑަބްލިއުއެޗްއޯ އާއިއެކު ކުރިޔަށް ގެންދިޔަ މުއާމަލާތްތަކަކީ ސިއްރު މުއާމަލާތްތަކެއް ނޫން ކަމަށެވެ. އަދި އެ މުއާމަލާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ ރަސްމީ އީމެއިލް އެކައުންޓުން ކަމަށާއި ޑަބްލިއުއެޗްއޯ އިން އެކަމުގައި ދެއްވި ޖަވާބުތައް ވެސް ފޮނުވީ އީމެއިލް އިން ކަމަށްވާތީ އެއީ ސިއްރު މުއާމަލާތްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީނު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން އެކަމުގައި އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އަށް ފޮނުވި ސިޓީއަކީ ދޮގު ވާހަކަތަކެއް ހިމެނޭ ސިޓީއެއް ކަމަށް ގަބޫލުކުރައްވަނީތޯ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިނިސްޓަރު އަމީނާ ސުވާލު ކުރެއްވުމުން އަމީން ވިދާޅުވީ "އަޅުގަނޑަށް ޑަބްލިއުއެޗްއޯގެ ސިޓީއަކީ ދޮގު ތެދު އެއްޗެއް ނުދެންނެވޭނެ" ކަމަށެވެ.

"އެހެންވީމާ، އެއީ އަޅުގަނޑު ޕާސަނަލް ހައިސިއްޔަތުން ކުރި މަޝްވަރާއެއް ކަމަށް އަޅުގަނޑަށް އަދިވެސް ގަބޫލުކުރަން ދަތި. ފުރަތަމަ މަރުހަލާގައި ނުރަސްމީ މަޝްވަރާއެއް ކުރެވުނު ނަމަވެސް، ފަހުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ފޮނުވި އީމެއިލްތަކުންވެސް އެކަމުގައި އެ އޮތީ ރަސްމީ ސިފަ ޖެހިފައި،" އަމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *