ޗައިނާގެ ވޫހާން ސިޓީއިން ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ޗައިނާއިން މަރުވި މީހުންގެ އަދަދު މިހާރު 250 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުގެ ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.
ޗައިނާއިން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުގައި، ކޮރޯނާ ވައިރަހުގެ އަސަރުކޮށްގެން މިހާތަނަށް 259 މީހުން ޗައިނާއިން މަރުވެފައިވާ ކަމަށާއި، އަދި ޗައިނާއިން އެކަނިވެސް މި ވައިރަހަށް 11791 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 102000 މީހުން ތިބީ އޮމްޒަވޭޝަނުގައި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި އިއްޔެ ހަމަ އެކަނިވެސް 2102 މީހުންނަށް ޗައިނާ އިން ވަނީ ކޮރޯނާވައިރަސް ޖެހިފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 27 ގައުމަކާ ސަރަހައްދުތަކަކަށް މި ވައިރަސް ފެތުރިފައިވާއިރު، އެ ގައުމުތަކުން ދަނީ ޗައިނާއަށް ދަތުރުކުރުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.