ޒަހާ މަސްއޫލިއްޔަތު އަދާ ނުކުރެއްވި ކަމަށް ނަޝީދު ވިދާޅުވެއްޖެ

Zaha

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ގާނޫނުގައި ބުނެފައިވާ ދުވަހަށް ހެދިފައި ނުވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި މައްސަލަ މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އޭރު ޒަހާގެ މަސްއޫލިއްޔަތު އަދާ ކުރައްވާފައި ނުވާކަން ނިންމީ ގަވާއިދު ކޮމެޓީންނެވެ. ނަމަވެސް ގަވާއިދު ކޮމެޓީން ކަނޑައެޅި ރިޕޯޓް މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމެޓީއަށް ފޮނުވާލިއެވެ.

ކޮމެޓީ އަށް އަނބުރާ ރިޕޯޓު ފޮނުވާލި މައިގަނޑު ސަބަބަކީ ޒަހާގެ ފަރާތުން މަޖިލީހަށް ލިބިފައިވާ ސިޓީއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީގައި ވަނީ މަސްވެރިކަމުގެ ގަރާނުގެ ދަށުން ހަދަންޖެހޭ ހަ ގަވާއިދު އެކުލަވާލާއި ނިންމާފައިވާ ކަމަށާއި އިއްޔެ އެޓާނީ ޖެނެރަލްގެ އޮފީހަށް އެ ގަވާއިދުތައް ރިވިއުކުރަން ފޮނުވާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހަމައަށްވެސް އެ ގަވައިދުތައް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.

"ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް މި މައްސަލަ ފޮނުވިދާނެ. އެހެންނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މީގައި އިތުރަށް ބަލާން އޮތް މަސްއޫލިއްތެއް ނެތް. މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާތަން." މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވަޒީރަކު މަސްއޫލިއްޔަތު އަދާ ނުކުރެއްވީމާ އަމަލުކުރާ އުސޫލުން މެމްބަރުން އަމަލުކުރައްވަން ޖެހޭ ކަމަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފިޝަރީޒް މިނިސްޓަރުގެ އަރިހުން މަސްވެރިކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އެހެންވީމަ އެކަން އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ބަލައިގަންނާތި. އަދި އެ މަގަށް މަސައްކަތްކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން. ދެ ހަފްތާވެސް މި މަޖިލިސް ބަލައިގެންފި ނަމަ އަޅުގަނޑު އަޖައިބު ވާނެ،" ފިޝަރީޒް މިނިސްޓަރު ހާޒިރު ކުރެއްވި އެ ޖަލްސާގައި ރައީސް ނަޝީދު ވަޒީރު ޒަހާއަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނު އެކުލަވާލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *