ޖާބިރުގެ "ލަދުކުޑަ" ވާހަކަތަކާހުރެ، ގައްސާންގެ އަސަރުގަދަ ޓްވީޓެއް!

ރައްޔިތުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން: ފޮޓޯ / މަޖިލިސް

ހާސްކަމާއި ހިތާމަވެރިކަމުގެ ދަނޑިވަޅުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫނަށް ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު ގުޅުއްވާ ދެއްކެވި "ލަދުކުޑަ" ވާހަކަތަކަކާ ގުޅިގެން ގައްސާން އަސަރުގަދަ ޓްވީޓެއް ކުރައްވައިފިއެވެ.

ޖާބިރު ގައްސާނަށް ގުޅުއްވާ އެއީ ޖާބިރު ކަމަށާއި ރައީސް މައުމޫނަށް ކޮވިޑް ޖެހިވަޑައިގެންނެވި ވާހަކަ އަޑުއެއްސެވި ކަމަށް ވިދާޅުވެއެވެ. އެކަމާ ހިތާމަކުރާ ކަމަށް ވިދާޅުވެ ޖާބިރު ވިދާޅުވަނީ ރައީސް މައުމޫން އަވަހާރަވެއްޖެ ނަމަ، ފަސްދާނަލެއްވުމުގެ ކުރިން ކިނބިގަސްދޮށުގޭގެ ރަޖިސްޓްރީ ދޭންވާނެ ކަމަށެވެ.

ބައްޕަގެ ދަރަންޏަކީ ގައްސާން ދައްކަވަން ޖެހޭ އެއްޗެއް ނޫން ކަމަށް ގައްސާން ވިދާޅުވި ނަމަވެސް ތަރިކަ މުދަލުން ބަދަލު ދޭން ޖެހޭނެ ކަމަށް ޖާބިރު ވަނީ ގައްސާނަށް ގުޅުއްވާ ވިދާޅުވެފައެވެ.

“އޮނަތިރީސް މިލިޔަން ބައްޕަ ނަގާފަ ހުރީ، އެ ވާހަކަ ހަނދާން ކޮށްދެއްވައްޗޭ” ޖާބިރު ވިދާޅުވެއެވެ.

ޖާބިރުގެ "ލަދުކުޑަ" ވާހަކަތަކާއި އެކު ގައްސާން ވަނީ އަސަރުގަދަ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ ރައްޔިތުން މަޖިލިސް ތެރޭގައި ގައްސާނާއި ދިމާލަށް ޖާބިރު ވިދާޅުވާހާ އެއްޗެއްސަކީ ސަމާސާ ކަމަށް ހީފުޅު ކޮށްގެން ހުންނަވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ އާއިލާއަށް ދިމާވެފައި މިވާ ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަވަރު ދައްކަވާލައްވައިފި ކަމަށް ގައްސާން ވިދާޅުވެއެވެ. އެކަމާ ވަރަށް ދެރަފުޅުވެއްޖެ ކަމަށް ވިދާޅުވެ ގައްސާން ވިދާޅުވީ ކޮންމެ ދިރުމެއްވެސް ނިމިދިއުން ހުރީ އެކަލާނގެ ހަޒްރަތުން ކަމަށް ގައްސާން ވިދާޅުވިއެވެ.

އެ ފައިސާއަކީ ޖާބިރު ވިދާޅުވާ ގޮތުގައި ރައީސް މައުމޫން ޖާބިރު އަތުން ފަހުން ދައްކަވާ ގޮތަށް ނެންގެވި ފައިސާއެކެވެ. އެ ފައިސާ މީގެކުރިން ޖާބިރުގެ މަންމާފުޅު ވިދާޅުވި ވިދާޅުވުމަކަށް މައާފު ކޮށްދެއްވި ކަމަށްވެސް އެއްފަހަރަކު ވިދާޅުވިއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *