އަމިއްލަ އެދުމެއް އޮވެގެން ޑަބްލިއުއެޗްއޯ އާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން: އަމީން

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން --

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހެލްތު މިނިސްޓްރީން ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާ މަޝްވަރާ ކުރީ ސިއްރުން ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދި އެކަމުގައި އަމިއްލަ އެއްވެސް އެދުމެއް ބާއްވާފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަދައްކަވަމުން އަމީނު ވިދާޅުވީ އެމަނިކުފާނު ޑަބްލިއުއެޗްއޯގެ އޮފީހުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ވެންޓިލޭޓަރުގެ މައްސަލާގައި ދެއްކެވި އެއްވެސް ވާހަކައަކީ ސިއްރު ވާހަކައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަމީނު ވިދާޅުވީ އެމަނިކުފާނާއި ޑަބްލިއުއެޗްއޯ އާއިއެކު ކުރިޔަށް ގެންދިޔަ މުއާމަލާތްތަކަކީ ސިއްރު މުއާމަލާތްތަކެއް ނޫން ކަމަށެވެ. އަދި އެ މުއާމަލާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ އެމަނިކުފާނުގެ ރަސްމީ އީމެއިލް އެކައުންޓުން ކަމަށާއި ޑަބްލިއުއެޗްއޯ އިން އެކަމުގައި ދެއްވި ޖަވާބުތައް ވެސް ފޮނުވީ އީމެއިލް އިން ކަމަށްވާތީ އެއީ ސިއްރު މުއާމަލާތްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީނު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން އެކަމުގައި އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އަށް ފޮނުވި ސިޓީއަކީ ދޮގު ވާހަކަތަކެއް ހިމެނޭ ސިޓީއެއް ކަމަށް ގަބޫލުކުރައްވަނީތޯ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިނިސްޓަރު އަމީނާ ސުވާލު ކުރެއްވުމުން އަމީން ވިދާޅުވީ "އަޅުގަނޑަށް ޑަބްލިއުއެޗްއޯގެ ސިޓީއަކީ ދޮގު ތެދު އެއްޗެއް ނުދެންނެވޭނެ" ކަމަށެވެ.

"އެހެންވީމާ، އެއީ އަޅުގަނޑު ޕާސަނަލް ހައިސިއްޔަތުން ކުރި މަޝްވަރާއެއް ކަމަށް އަޅުގަނޑަށް އަދިވެސް ގަބޫލުކުރަން ދަތި. ފުރަތަމަ މަރުހަލާގައި ނުރަސްމީ މަޝްވަރާއެއް ކުރެވުނު ނަމަވެސް، ފަހުން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ފޮނުވި އީމެއިލްތަކުންވެސް އެކަމުގައި އެ އޮތީ ރަސްމީ ސިފަ ޖެހިފައި،" އަމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕަސެންޓު ކަމުގައިވާ 30،9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށެވެ.

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ" ގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތި ކަމަކަށް ވާނެ ކަމަށްވެސް އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *