އިނގިރޭސިވިލާތް އީޔޫއިން ރަސްމީކޮށް ވަކިވެއްޖެ

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެއްޖެއެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ނުވަތަ "ބްރެކްސިޓް" ކޮޅެއްގައި މިޖެހުނީ މިކަމާބެހޭ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ރުހުން ދިނުމާއެކު ޔޫރަޕިއަން ޕާލަމެންޓުންވެސް އެ އެއްބަސްވުން ތަސްދީގު ކުރުމުންނެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ އެއްބަސްވުމުގައިވަނީ މިއަދު (31 ޖަނަވަރީ 2020) ގެ ނިޔަލަށް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވާނެކަމަށާ އެއަށްފަހު އިނގިރޭސިވިލާތަކީ ޔޫރަޕްގެ އިއްތިޙާދުގައި ހިމެނޭ ގައުމެއް ނޫންކަމުގައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިގްތިސާދީ މުޖްތަމައުން މިވަކިވީ 47 އަހަރުގެ ދިގު ތާރީޚަކަށް ފަހުގައެވެ.

އެންމެ ފުރަތަމަ އިނގިރޭސިވިލާތް ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ (އީއީސީ) އާ ރަސްމީގޮތުން ގުޅުނީ 1973 ގައެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައަށްފަހު ބިމާހަމަވި ޔޫރަޕްގެ އިގްތިސާދު ގުޅިގެން އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 1957 ގައި ޔޫރަޕްގެ ގައުމުތަކުން ސޮއިކުރި ރޯމް މުއާހަދާގައިވެސް އިނގިރޭސިވިލާތް ބައިވެރިވެފައިވެއެވެ. ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ (އީއީސީ) އުފެދުނީ ރޯމް މުއާހަދާގެ ދަށުންނެވެ. އެއަށްފަހު ޔޫރަޕިއަން އިކޮނޮމިކް ކޮމިއުނިޓީ، ޔޫރަޕްގެ ކޮމަންމާކެޓްގެ ގޮތުގައި ތަޢާރަފްވެގެން ދިޔުމަށްފަހު 1993 ގައި ބަދަލުވީ ޔޫރަޕްގެ އިއްތިޙާދަށެވެ. އެހެންކަމުން އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވެފައި މިވަނީ ދިގު ތާރީޚަކަށް ފަހުގައެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް މިހާރު ނިމުމަކަށް އައިސް އީޔޫގެ މެންބަރުކަމުން އިނގިރޭސިވިލާތް ވަކިވެފައިވީ ނަމަވެސް އަންނަ ޑިސެމްބަރު 31 އާ ހަމައަށް މިކަމުގެ އިންތިގާލީ މަރްހަލާއެއް އޮންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *