އެޗްއީއޯސީ އަށް ހެލްތު ޕްރޮފެޝަނަލް އިން ބޭނުވެގެން އިއުލާންކޮށްފި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އަށް ހެލްތު ޕްރޮފެޝަނަލް އިން ބޭނުންވެގެން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާއި ގުޅިގެން ހެލްތު އިމެޖެންސީ ސެންޓަރުގައި އަދި ކޮވިޑްގެ ބަލި މީހުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރުމަށް މެޑިކަލް އޮފިސަރުންނާއި، ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ހެލްތު މިނިސްޓްރީން އެދިފައިވާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން އީމެއިލްއާ އެކު ފޮނުވަންޖެހެއެވެ.

އެޗްއީއޯސީ އަށް ހެލްތު ޕްރޮފެޝަނަލް އިން ހޯދަން އިއުލާންކޮށްފައިވާއިރު އެޗްއީއޯސީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގައި އޮޕަރޭޝަނަލް ކެޕޭސިޓީއެއް ނެތް ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރާއްޖެއިން މި ބައްޔަށް 133 މީހަކު ޕޮޒިޓިވްވިއެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި، ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 8 މީހަކާއި، ޔޫއޭއީގެ ދެ މީހަކާއި، އިނގިރޭސިވިލާތުގެ ދެ މީހަކާއި، ސްރީލަންކާގެ ދެ މީހެއްގެ އިތުރުން ނޭޕާލްގެ މީހެއް ކަމަށެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6912 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2588 މީހުންނަށެވެ. އެގޮތުން 171 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *