ވޯޓުން ވައްކަން ކުރި ވާހަކައާ އެކު ދެ ރައީސުން ޓްވިޓާގައި އަރާރުމަކަށް!

ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މައުމޫން އަދި ރައީސް ނަޝީދު --

ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައި ވެސް މަކަރު ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް ރައީސް މައުމޫން ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވެސް މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށެވެ. އަދި 2007ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ރައްޔިތުން ގާތުގައި އެހުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް އެމަނިކުފާނު މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މަނިކުފާނަށް އޮޅުވާ ނުލެވުނީ ހަމައެކަނި 2008 [ރިޔާސީ އިންތިހާބު]ގެ ވޯޓު. އެއިންވީ ބަލި،" ނަޝީދު ވިދާޅުވިއެވެ.

އެވާހަކަ އަށް ރައްދު ދެއްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަކީ މޮޔައިން ކަމަށް ބައްލަވާތީ ހިތާމަކުރައްވާ ކަމާށެވެ. އަދި 30 އަހަރުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއް އޮޅުވާލިއިރު، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް އެދިލައްވާފައެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދާއި ދެބޭފުޅުން ޓްވީޓާގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެމުން ގެންދަވާއިރު ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކަނޑައަޅައި އެކަން ގާނޫނު އަސާސީގައި ހިމެނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *