ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއްގައި ވަނީ މަކަރު ހަދާފައި: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ޖަލްސާއެއްގައި --

ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައި ވެސް މަކަރު ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވެސް މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށެވެ. އަދި 2007ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ރައްޔިތުން ގާތުގައި އެހުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް އެމަނިކުފާނު މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

"މަނިކުފާނަށް އޮޅުވާ ނުލެވުނީ ހަމައެކަނި 2008 [ރިޔާސީ އިންތިހާބު]ގެ ވޯޓު. އެއިންވީ ބަލި،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ  ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިސްލާހު ހުށަހަޅުއްވާފައިވާ ވަނިކޮށް ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށެވެ. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން ކަމަށް މައުމޫން ވިދާޅުވިއެވެ.

1 thought on “ރައީސް މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއްގައި ވަނީ މަކަރު ހަދާފައި: ރައީސް ނަޝީދު

Leave a Reply

Your email address will not be published. Required fields are marked *