މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްއައިބީއަށް 25.6 މިލިއަން ރުފިޔާ

އެމްއައިބީގެ މައި އިދާރާ --

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ 2019 ވަނަ އަހަރުގެ ފަހު ކުއާރޓަރގެ މާލީ ހިސާބު ދައްކާގޮތުން އެމްއައިބީއަށް ސާފު ފައިދާގެ ގޮތުގައިވަނީ 25.6 މިލިއަން ރުފިޔާ ލިބިފައެވެ.

އެމްއައިބީން ނެރެފައިވާ ހަތަރު ވަނަ ކުއާރޓާރގެ ރިޕޯޓު ދައްކާ ގޮތުން މި ފައިދާއާއެކު އެމްއައިބީ މިވަނީ ލަފާކުރިވަރަށް ވުރެން ބޮޑު ފައިދާއަކާއެކު ރަނގަޅު އަދި އުންމީދީ ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން ހިންގުމުގެ ފައިދާ 11.4 އިންސައްތަ އިތުރުވެ 68.7 މިލިއަން ރުފިޔާއަށްވަނީ އަރާފައެވެ. އަދި ހިއްސާއަކާއި އަޅާ ބަލާއިރު ނެޓް އެސެޓްގެ އަގު ވަނީ 23.56 ކުން 24.7 ރުފިޔާއަށް ޖެހި ހިއްސާއަކަށް ޖެހޭ ފައިދާގެ އަގު 14 އިންސައްތަ އިތުރުވެފައެވެ.

މީގެ އިތުރުން 24 ޖުލައި 2019 އިން 22 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް އެމްއައިބީން ވަނީ އާންމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏަކަށް ވެފައެވެ. އެގޮތުން ވިއްކަން ހުށަހެޅި ހިއްސާގެ އަދަދަށް ވުރެން 46 އިންސައްތަ އިތުރައް ހިއްސާ ގަންނަން ހުށަހެޅިކަން އެމްއައިބީން ފާހަގަކުރެއެވެ. މި ކާމިޔާބީއާއެކު އެމްއައިބީ ވަނީ 16،000 ހިއްސާދާރުންނާއިއެކު 17 ނޮވެމްބަރ 2019 ގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ވެފައެވެ.

ވޭތުވެދިޔަ ކުއާރޓަރގައި އެމްއައިބީގެ ފައިސާ މޮބައިލް އެޕްލިކޭޝަނަށްވަނީ އިސްލާމިކް ފައިނޭންސް ފޯރަމްގައި އަހަރުގެ އެންމެ މޮޅު ޕްރޮޑަކްޓުގެ ދާއިރާއިން ސިލްވަރ އެވޯޑު ލިބިފައެވެ. ކަސްޓަމަރުންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން ވޭތުވެދިޔަ ކުއާރޓަރގައިވަނީ ބާޒާރު ކަސްޓަމަރ ސާވިސް ސެންޓަރެއްވެސް ހުޅުވާފައެވެ. އަދި އޮންލައިން ކިޔު ސިސްޓަމެއް އޭންޓް ކިޔު އާއި ގުޅިގެން ތައާރަފްކޮށްފައިވާއިރު ކާމިޔާބު ކިޑްސްގެ ނަމުގައި އާ ސޭވިންގް އެކައުންޓެއް އެމްއައިބީ ގައި 2019 އަހަރުގެ ފަހު ކުއާރޓަރުގައިވަނީ ތަޢާރަފް ކޮށްފައެވެ. މި އެކައުންޓަކީ ކުދިންގެ ނަމުގައި މަހަކު ކަނޑައެޅޭ ވަކި އަދަދެއް ރައްކާކޮށް ރަނގަޅު ފައިދާއަކާއެކު ކުއްޖާއަށް 18 އަހަރު ފުރުމުން ނެގޭގޮތަށް ހުޅުވޭ އެކައުންޓެކެވެ.

މި ބޭންކުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މިހިނގާ 2020 ވަނަ އަހަރު ވެސް އިތުރު ބްރާންޗު ހުޅުވުމާއި، އޭޓީއެމް އާއި ޕޮސް ޓާމިނަލް އިތުރުކުރުމުގެ އިތުރުން މޮބައިލް އަދި އޮންލައިން ބޭންކިންގ އިތުރަށް ފުޅާކޮށް އާ ޕްރޮޑަކްޓުތަކާއެކު އިސްލާމިކް ފައިނޭންސް ރާއްޖޭގައި ފުޅާކުރުމުގެ މަސައްކަތް އެމްއައިބީން ކުރަމުންދާ ކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *