ކޮވިޑް ހަރަދުތައް ފޮރިން މިނިސްޓްރީން ކޮށްފައި ވަނީ ރަނގަޅަށް: އޮޑިޓް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދް/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ފޮރިން މިނިސްޓްރީން ކޮށްފައިވާ ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ފޮރިން މިނިސްޓްރީގެ ކޮމްޕަޔަންސް އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް ބަލި މަޑުކަމަށް އެ މިނިސްޓްރީން 10،150،923 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެތެރެއިން ފޮރިން މިނިސްޓްރީން ހަރަދު ކޮށްފައިވަނީ ޖުމްލަ 7،266،467 މިލިއަން ރުފިޔާއެވެ.

ކޮވިޑް19 އާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ޖޫން މަހުގެ ނިޔަލަށް ކުރި ހަރަދު ކަމަށް "ކޮވިޑް19 އާ ގުޅިގެން ހަރަދު ކުރުމަށް ކަނޑައެޅުނު ބަޖެޓާއި އެ ފައިސާ ހޭދަކުރެވުނު ގޮތުގެ ބަޔާން" ގައި ހިމަނާފައިވާ ހަރަދުތަކަކީ މައިގަނޑު ގޮތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ފޮރިން މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީފް) އިން ވެސް ކޮވިޑާ ގުޅިގެން ހަރަދު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޮޑިޓް އޮފީހުން އެކުލަވާލި އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާތީ އެ މައްސަލަ ބެލުމަށް އޭސީސީ އަދި ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *