އިންޑިއާ އަދި ސްވިޒަލޭންޑުގައި ރާއްޖެ އިޝްތިހާރު ކުރަނީ

މީގެކުރިން ބޭރު ގައުމެއްގައި ބޭއްވި ފެއާއެއްގައި ރާއްޖޭގެ ބައިވެރިންތަކެއް --- ފޮޓޯ / އެމްއެމްޕީއާރްސީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބައިނަލްއަޤްވާމީ 2 ފެއަރއެއްގައި ބައިވެރިވެއްޖެއެވެ. އެމްއެމްޕީއާރުސީން ބައިވެރިވެފައިވަނީ އިންޑިއާގައި އޮންނަ ބީ.އެލް.ޓީ.އެމް އާއި ސްވިޓްޒަލޭންޑްގައި އޮންނަ ފެސްޕޯ ފެއަރގައެވެ.

އިންޑިއާގެ ދިއްލީގައި ބާއްވާ ބިޒްނަސް މައިސް އެންޑް ލެޝާރ މާރޓް (ބީ.އެލް.ޓީ.އެމް) ފެއަރ ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ. މި ފެއަރގައި އެމް.އެމް.ޕީ.އާރް.ސީ އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ 6 ކުންފުންޏަކުން 9 މަންދޫބުންވަނީ ބައިވެރިވެފައެވެ.

ދެ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިފެއަރއަކީ އިންޑިއާގެ، އައު ބައުންޑް ލަގްޒަރީ އާއި މައިސް ފަތުރުވެރިންނަށް އަމާޒުކޮށް ފަތުރުވެރިކަމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިފެއަރގައި 24 ޤައުމަކުންނާއި އިންޑިއާގެ 13 ސިޓީއަކުން 110 އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި 1200 އަށްވުރެ ގިނަ ވިޔަފާރިވެރިންވަނީ ބައިވެރިވެފައެވެ.

ބީ.އެލް.ޓީ.އެމް ފެއަރގެ އިތުރުން އެމްއެމްޕީއާރުސީން ދެން ރާއްޖެ އިޝްތިހާރުކުރަމުންދަނީ ސްވިޓްޒަލޭންޑްގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިންގެ ފެއަރ "ފެސްޕޯ" ގައެވެ. ފެސްޕޯ ފެއަރ ކުރިއަށްދާނީ މިމަހުގެ 30 ން ފެބްރުއަރީ 2 ގެ ނިޔަލަށް ސްވިޓްޒަލޭންޑުގެ ޒިއުރިކްގައެވެ. މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމް.އެމް.ޕީ.އާރް.ސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 9 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއަރ އަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ފެއަރއެކެވެ. އެގޮތުން މިދިޔަ އަހަރު މިފެއަރ އަށް 65,000 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މީގެތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގިނައަދަދެއްގެ ޖަރނަލިސްޓުންނާއި، ބްލޮގަރުންނާއި، ހިމެނެއެވެ.

މިފެއަރގައި ދިވެހިރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭގޮތަށެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައިވެއެވެ. އަދި ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އިނާމްތައް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ނަސީބުވެރި ފަރާތަކަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ސްވިޓްޒަލޭންޑާއި އިންޑިއާއަކީވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރާ 2 ޤައުމެވެ.

Leave a Reply

Your email address will not be published. Required fields are marked *