ޕްލޭން ކުރި ވަރަށްވުރެ ބޮޑަށް ލުއި ދެވުނުކަން ގަބޫލުކުރަން: ޓެގް

މާލޭގެ މަގު މަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި: ފޮޓޯ / ހަތާވީސް އޮންލައިން

ރާއްޖެއިން ކޮވިޑް19 ފެނިގެން ދިއުމާއި އެކު އެކަމުން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު ލޮކްޑައުން އަށް އަލުން ލުއިތައް ދިންއިރު ޕްލޭން ކުރެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ލުއިތައް ދެވުނު ކަމަށް ގަބޫލުކުރާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރީޕް (ޓެގް) އިން ހާމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ. އަލީ ލަތީފު ވިދާޅުވީ އެކަން އެގޮތަށް ކުރެވުނުކަން ގަބޫލު ކުރާ ކަމަށާއި އެހެންނަމަވެސް ލުއިތައް އެފަދައިން ވެސް ދިނީ އާއްމުން ކުރަންޖެހޭ ކަންކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ނުވެގެން އުޅެނީ އެއްވެސް ހާލެއްގައި އާއްމުންގެ ސަބަބުން ކަމަށް ނުދަންނަވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އެންމެ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން އިނގޭތޯ އަޅުގަނޑުމެން ރިލީޒްކުރަމުން ދިޔައިރުގައި އަޅުގަނޑުމެން ފުރަތަމައިނުން ޕްލޭންކުރި ވަރަށް ވުރެ ބޮޑަށް ކަން ރިލީޒްކޮށްފައި އޮތީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ހަމަމިއާއިއެކު އޭނާ ވިދާޅުވީ އިތުރަށް ފިޔަވަޅު އެޅުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ފިޔަވަޅުތައް ދޫކޮށްލައިގެންވެސް ވަކި ރަނގަޅެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 މިހާރު ފެންނަމުންދާ މިންވަރަށް ބަލާ ބަލި ކޮންޓްރޯލް ނުކުރެވިއްޖެ ކަމަށްވާ ނަމަ އަލުން ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ވެސް ޑރ. އަލީ ލަތީފް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *