މައުސޫމަށް ރުހުން ދޭން ފެނޭތޯ މިއަދު މަޖިލީހުގައި ވޯޓަށް އަހާނެ

ޑރ. އަބްދުﷲ މައުސޫމް --

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް ސޯލިހު އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ފެނޭތޯ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާކޮށްފިއެވެ.

މައުސޫމަށް ރުހުން ދޭން ފެނޭތޯ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އަހާއިރު އެމަނިކުފާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ޑރ. މައުސޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، ޑެޕިއުޓީ މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، އެނާޖީ އެންޑް ވޯޓާގެ މަގާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

މައުސޫމް އެންމެފަހުން އަދާކުރެއްވި މަގާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *