މިނިސްޓަރު އަމީނާއި ހެލްތުގެ ބިޑު ކޮމެޓީ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރަނީ

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑު ކޮމެޓީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވުމަށް އަންގައިފިއެވެ.

އެގޮތަށް އަންގާފައި ވަނީ ކޮވިޑް19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭތީއެވެ.

މިނިސްޓަރު އަމީންއާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރުން މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމާފައި ވަނީ މިއަދު ހެނދުނު 11:00 އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ފުލުހުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވާފައެވެ. ރައީސް އަންގަވާފައި ވަނީ މި ދެ އިދާރާގެ ޖޮއިންޓު ތަހުގީގެއް ހިންގެވުމަށެވެ.

ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީން ތިން ކުންފުންޏަކާ ހަވާލުކުރި އެވެ. އެއީ މެޑްޓެކް، ނާޑު އަދި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް19 ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކީ ޑަބްލިއުއެޗްއޯއިން ރިކޮމެންޑު ކުރި ކުންފުންޏެއް ނޫން ކަމަށެވެ.

އެގްޒެކިއުޓާސް ކުންފުނީގެ ގުދަނުގައި 75 ވެންޓިލޭޓަރު ޝިޕް ކުރެވޭ ހާލަތުގައި ހުރިކަމަށާއި 14 ދުވަހުގެ ތެރޭގައި އެތަކެތި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނި އިރު، އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ވެންޓިލޭޓަރު ފަދަ ސްޕެޝަލައިޒްޑް މެޑިކަލް އިކުއިޕްމަންޓްތަކަކީ އެ ތަކެތީގެ ވިޔަފާރި ކުރާ އޭޖެންޓުން ގިނަ އަދަދަކަށް ސްޓޮކްކޮށްގެން ގެންގުޅޭ ތަކެތި ނޫންކަން ސިއްހީ ދާއިރާގެ ފަންނީ މީހުންނަށް އެނގޭނެ ކަމަށެވެ. އަދި އެ ކުންފުނިން އެހެން ބުނެފައިވާ ބުނުމަށް ސުވާލު އުފައްދައި، މަކަރާ ހީލަތުން އޮޅުވާލުމުގެ އަމަލުތަކެއް ހިންގަފާނެކަމަށް ސަމާލުވާންޖެހޭނެ ކަމަށް ދެކޭކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ.

ސާދަ ދުވަހުގެ ތެރޭގައި އެ ތަކެތި ފޯރުކޮށްދެވޭނެ ކަމަށް ބުނެފައި ވީނަމަވެސް، އެއްބަސްވުމުގައި ސޮއިކުރި ތާރީޚަށް ފަހު ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު އެ ވެންޓިލޭޓަރު ހަމައަށް ލިބިފައި ނުވުމަކީ، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް އިން މިކަމުގައި އޮޅުވާލާފައި ވާކަމަށް ތުހުމަތުކުރެވޭ ކަމެއްކަމުގައި ފާހަގަކުރާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ވެންޓިލޭޓަރުގެ ޑިމާންޑް މުޅި ދުނިޔޭގައި ވެސް އިތުރު ވެފައިވާ ދަނޑިވަޅެއްގައި، ހީލަތްތެރި އޭޖެންޓުންނާއި، އޭޖެންޓުން ކަމަށް ހެދިގެން އުޅޭ ހީލަތްތެރިން ގިނަވާނެ ކަމަށާއި އެހެންކަމުން، ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާ ފައިސާ ރައްކާތެރިކުރުމަށް، އިތުރަށް ސަމާލުވުމަކީ އެ ފަރާތްތަކުގެ ޒިންމާއެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މާލިއްޔަތު ކޮމެޓީ އަށް މިބޭފުޅުން ހާޒިރުވާން އަންގާފައިވާއިރު އެ މިނިސްޓްރީގެ ބިޑު ކޮމެޓީގެ ބޭފުޅުން ވަނީ ސަސްޕެންޑުކޮށްފައެވެ. އަދި ހެލްތު މިނިސްޓަރު އަމީނު ވަނީ އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *