ސަފާރީތަކާއި ޔޮޓްތަކުން ނަގާ ފީ ކުޑަކުރަނީ

ރާއްޖޭގައި އޮޕަރޭޓުކުރާ ސަފާރީއެއް --

ސަފާރީތަކާއި ޔޮޓްތަކުން ނަގަމުންއައި ފީ ކުޑަކުރުމަށް ކަމާބެހޭ މުއައްސަސާތަކުން ނިންމައިފިއެވެ.

އެކި މުއައްސަސާތަކުން މިހެން ނިންމާފައިވަނީ ހއ. އުލިގަމަށް ޔޮޓްތައް ބަނދަރުކުރުން މަދުވެފައިވާ މައްސަލަ ހައްލުކުރުމަށް ބޭއްވި ޚާއްސަ މަހާސިންތާއެއްގައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި ކަމާގުޅޭ 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިވެފައިވެއެވެ. މި މަހާސިންތާގައި ހއ. އުލިގަމަށް ޔޮޓްތައް ދިއުން މަދުވެފައިވާ ސަބަބުތަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި އެކި މުއައްސަސާތަކުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ ތެރޭގައި ކަސްޓަމްސް، ހެލްތު މިނިސްޓްރީ، ޓްރާންސްޕޯޓް އޮތޯރިޓީ ފަދަ މުއައްސަސާތައް ހިމެނެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުﷲ ޝަރީފް ވިދާޅުވީ މަހާސިންތާގައި ކުރެވުނު މަޝްވަރާތަކުގައި، ސަފާރީތަކުން ނަގާ ފީ ބޮޑުކަމަށް ހުރިހާ މުއައްސަސާއަކުން ވެސް އިއްތިފާޤުވެފައިވާކަމަށެވެ. އެހެންކަމުން، ކަސްޓަމްސްއިން ސަފާރީތަކުގެ ޓްރެކިންގ ޑިވައިސްތަކުން ނަގަމުންއައި ފީ ކުޑަކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މި ފީ އެއްކޮށް މަޢާފްކުރުމުގެ ވިސްނުންވެސް ކަސްޓަމްސްއިން ގެންގުޅޭކަމަށެވެ.

" އުލިގަމަށް މި ވަންނަ ޔޮޓްފަހަރުގެ ޓްރެކިންގ ޑިވައިސްތަކުން ނަގާ ފީ ކުޑަކޮށްދޭނަން. އިރާދަކުރެއްވިއްޔާ ބަލައިދޭނަން މިފީ އެއްކޮށްވެސް ކުޑަކޮށްދެވޭތޯ" ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ފީތައް މަޢާފްކުރުމަށް ނިންމާފައިވަނީ ކަސްޓަމްސްއިން އެކަނި ނޫންކަމަށެވެ.

އެގޮތުން މި މަހާސިންތާގައި އެކި މުއައްސަސާތަކުން ސަފާރީތައް މެދުވެރިކޮށް ނަގަމުންއައި ފީ ވަކި މިންވަރަކަށް ކުޑަކުރުމަށް ނިންމާފައިވާ ކަމަށާއި މިކަމުގެ ސަބަބުން އުލިގަމުގައި ޔޮޓް ބަނދަރުކުރުން މަދުވެފައިވާ މައްސަލައަށް ހައްލުލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް މުއައްސަސާތަކަކީ މިސާލަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ޓޫރިޒަމް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީއަކީ އެބަޔަކު ދޭ ޚިދުމަތަކަށް ފީ ނަގަމުންދާ މުއައްސަސާތަކެއް. ދޫކުރާ ހުއްދަތަކަށް އެބަނަގާ ފީތަކެއް. އަޅުގަނޑުމެން ބެލި ބެލުމުން ފާހަގަވީ ދައުލަތަށް ނެގޭ ފީއަކަށް ވުރެ އެބަޖެހެއޭ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެން. މި މަހާސިންތާއިން އަޅުގަނޑުމެން އެއްބަސްވުމަކަށް މިއައީ ކޮންމެ މުއައްސަސާއަކުން ވެސް ނަގަމުންދާ ފީތައް އެބަޔަކު ކުޑަކުރުމަށް." ޢަބްދުﷲ ޝަރީފު ވިދާޅުވިއެވެ.

ޑެޕިއުޓީ ކަމިޝަނަރ ވިދާޅުވީ މިމަހާސިންތާގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ މި ރިޕޯޓް ހިއްސާކުރާނެކަމަށެވެ.

ރާއްޖޭގެ ސަލާމަތީ ރައްކާތެރިކަމާއި ޞިއްޙީގޮތުން ބަލާ މިންގަނޑުތަކުގެ ސަބަބުން އުޅަނދުތަކަށް އެތެރެވެވޭނީ ވަކި ސެޓްފިކެޓްތަކެއް ލިބިގެންނެވެ. މި ސެޓްފިކެޓްތައް ހެދުމަށް އުޅަނދުތަކުން އެކި ޢަދަދުތަކުން ފީ ދައްކަން ޖެހެއެވެ.

ޞިއްޙީ ގޮތުން އުޅަނދުތައް ރައްކާތެރިތޯ ބެލުމަށްޓަކައި 1000 ރުފިޔާއާއި 5000 ރުފިޔާއާއި ދޭތެރޭގެ ފީއެއް ދައްކަންޖެހެއެވެ. އަދި އިންވާޑް އައުޓްވާޑް ކްލިއަރެންސް ހެއްދުމަށް ސްޓޭމްޕް ޖެހުމަށް ކަސްޓަމްސްއިން ވެސް 1000 ރުފިޔާގެ ފީއެއް ޔޮޓްތަކުން ދައްކަންޖެއެވެ. މީގެ އިތުރުން ވެސް އެތައް ފީއެއް ދައްކަންޖެހޭއިރު މިކަމުގެ ސަބަބުން ސަފާރީތަކާއި ޔޮޓްތަކަށް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

އެހެންނަމަވެސް މުއައްސަސާތަކުން މި ފީތައް ކުޑަކުރަން ނިންމި ނިންމުމާއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *