ސަން ސިޔާމްގެ ލޯނާ ގުޅޭ ގޮތުން މީކާއިލް ކުރި ސުވާލުގެ ޖަވާބު މާދަމާގެ ޖަލްސާގައި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާިއރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) : ފޮޓޯ / މަޖިލިސް

މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާގެ ކުންފުންޏަށް 127 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފައިވުމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ގޮލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފޮނުވި ސުވާލުތަކުގެ ޖަވާބު މާދަމާގެ ޖަލްސާގައި އިއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މީކާއިލް ވަނީ މިނިސްޓަރު އަމީރާ ފަސް ސުވާލެއްގެ ޖަވާބު ލިޔުމުން ހޯދުމަށް ހުށަހަޅާފައެވެ. އެގޮތުން މީކާއިލް ހުށަހެޅި ސުވާލުތަކަކީ:

1- 2017 ވަނަ އަހަރު ދައުލަތުން ސޮވެރިންގ ގެރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވ 127 މިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓްވެފައިވޭތޯ؟

2- އެ ލޯނު ލޯނު ޑީފޯލްޓް ވެފައިވާ ނަމަ ދައުލަތުން މި ލޯނަށްވީ ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވޭތޯ އަދި މި އިންތިޒާމު ހަމަޖެހިފައިވާ ނަމަ ފައިސާ ދެއްކުމަށް ހަމަޖެހިފައިވާ މުއްދަތަކީ ކޮބައިތ؟

3- ދައުލަތުގެ ފަރާތުން 2017 ވަނަ އަހަރު ދައުލަތުން ސޮވެރިންގ ގެރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ދެއްކުމަށް އެކްސްޓެންޝަނަކަށް އެދިފައި ވާނެތޯ؟

4- އެކްސްޓެންޝަނަކަށް އެދިފައިވާ ނަމަ މި އެކްސްޓެންޝަން ހަމަޖައްސަނީ ޖީ-20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯ؟

5- މި ލޯނު ދެއްކުމަށް އެކްސްޓެންޝަނެއް ދޭނަމަ މިކަމުގެ ސަބަބުން ދައުލަތުގެ މާލީ އިންތިޒާމަށް ކުރާނެ އަސަރުތަކަކީ ކޮބައިތޯ؟

އެނގިފައިވާ ގޮތުގައި އެ ލޯނު ނަގާފައި ވަނީ ސިޔާމްގެ އިރުފުށި އައިލެންޑް ރިސޯޓް ތަރައްގީ ކުރުމަށެވެ. އިރުފުށި ހިންގަން ސަން ސިޔާމް ކުންފުނިން ހިލްޓަން ގްރޫޕާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ.

އެކަމާއި ގުޅިގެން މީގެކުރިން ފިނޭންސް މިނިސްޓްރީން ބަޔާނެއްވެސް ނެރެފައިވެއެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ސިޔާމްގެ ކުންފުންޏަށް ދޫކޮށްފައިވާ ލޯނު އެކުންފުނިން ދައްކާފައިވާ ކަމަށެވެ.

ފިނޭންސް އިން ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.

ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *