އެޗްޕީއޭގެ ނިންމުން މުރާޖާ ކުރުމަށް އަނަސް ގޮވާލައްވައިފި

އަނަސް -- ފޮޓޯ / މިހާރު

މިރެއިން ފެށިގެން ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުން މުރާޖާ ކުރުމަށް ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ގޮވާލައްވައިފިއެވެ.

އަނަސް މިއަދު ވިދާޅުވީ އެޗްޕީއޭގެ ނިންމުމަކީ މި ކޮވިޑް-19 ގައި ނިކަމެތި ވަމުންދިޔަ ރައްޔިތުންގެ ހާލަތު އިތުރަށް ނިކަމެތިވެ، ހީނަރުވަމުންދިޔަ ވިޔަފާރިތައް އިތުރަށް ހީނަރުވެގެންދާނެ ނިންމުމެއް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު އެޗްޕީއޭގެ ނިންމުން މުރާޖާ ކުރުމަށް ގޮވާލާ ކަމަށް އަނަސް ވިދާޅުވިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 8ގެ ފަހުން އުޅަނދު ދުއްވުން މަނާވިޔަސް، 10 ޖަހަންދެން ބޭރުގައި އުޅެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަނާ ގަޑިތަކުގައި އުޅަނދު ދުއްވައިފިނަމަ، ފުރަތަމަ ފަހަރު ނަސޭހަތްދޭނެ ކަމަށާއި ދެ ވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކޮށް، އުޅަނދު ޓޯ ކުރާނެ ކަމަށެވެ. އުޅަނދު ދޫކުރާނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ

އެކަމާއި ގުޅިގެން އެޗްޕީއޭ އިން މިއަދު ބުނީ އެ ނިންމުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.

އެޗްޕީއޭ އިން ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކާ ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށާއި އެގޮތުން މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައިވާ ކަމަށާއި އަދި މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމެއްވެސް އެޗްޕީއޭ އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *