ކޮރޯނާއަށް ޝައްކުވި ޒުވާނާގެ ނަތީޖާ ލިބެން ދެ ދުވަސް ނަގާނެ: އަމީން

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވާހަކަދައްކަވަނީ --- ފޮޓޯ އަވަސް

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި މީހާގެ ނަތީޖާ ލިބެން ދެތިން ދުވަސް ނަގާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ 20 އަހަރުގެ އެ ޒުވާނާގެ ސާމްޕަލްތައް އިންޑިއާގެ ޕޫނޭ ލެބޯޓަރީ އަށް ގެންދެވޭނީ މާދަމާ ކަމަށް ޑަބްލިއުއެޗްއޯ އިން މައުލޫމާތުދޭ ކަމަށާއި އެހެންކަމުން އާދިއްތަ ދުވަހުގެ އިރުއޮއްސޭއިރު ނަތީޖާ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު އެކަހެރި ކޮށްފައިވާ ޒުވާނާގެ ޓެސްޓްތަކުގެ ނަތީޖާ ލިބެން ދެ ތިން ދުވަސް ނަގާނެ" އަމީން ވިދާޅުވިއެވެ.

އަމީން ރޭ ވިދާޅުވި ގޮތުގައި އޭނާ އަކީ މި ވައިރަސް އަށް ޝައްކު ކުރެވޭ މިންގަނޑުގެ ތެރޭގައި ހިމެނޭ، ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ "މީޓް މާކެޓަކަށް" ޒިޔާރަތް ކޮށްފައިވާ މީހެއްގެ މިންގަނޑެއް ފެތޭ މީހެއް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވީ ރެއިން ފެށިގެން އެކަހެރިކޮށްފައިވާ މި ބައްޔަށް ޝައްކުވާ ޒުވާނާގެ ހާލު ރަނގަޅު ކަމަށާއި އަދި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައި ވެސް ނުވާ ކަމަށެވެ.

"އެއްވެސް ކަހަލަ ކޮމްލިކޭޝަނެއް ނެތް. އެހެން ނަމަވެސް ވަކި މުއްދަތަކަށް އައިސޮލޭޓް ކުރަން ޖެހޭތީ ވަކި މުއްދަތަށް މޮނީޓާ ކުރަމުން ދަނީ. އެއީ އަދި ސަަސްޕެކްޓެޑް ކޭސްއެއް. ކޮންފޮމޭޝަން އަންނާނީ ނަތީޖާ ލިބުމުން" އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެ އަށް އިއުލާންކޮށްފައެވެ.

މި ބަލީގައި މިހާތަނަށް ޗައިނާ އިން ވަނީ 213 މީހުން މަރުވެފައެވެ. އަދި މި ބަލި މިހާތަނަށް ޗައިނާގެ 9000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *