ޑިފެންސްގެ އާ އިމާރާތް އެޅުމަށް ހަވާލުކުރީ ހަމަ ރަނގަޅަށްތަ؟

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު: ބަޖެޓް ކުޑަކުރަން ހުށަހެޅުއްވީ/ ފޮޓޯ- ހަތާވީސް

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތަށް ބިޑް ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިފައި އޮއްވާ މާ ފަހުން ބިޑް ކުރުމުގެ އުސޫލަށް ގެނައި ބަދަލެއްގެ ތެރެއިން އެ ޕްރޮޖެކްޓަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނި ބާކީ ކޮށް، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ ގޮތަށް، 5.5 މިލިޔަން ރުފިޔާ އަގު ބޮޑުކޮށް އެހެން ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި މައްސަލައެއް މިދިޔަ ހަފްތާގައި ފެންމަތިވިއެވެ.

ޑިފެންސް އާ އިމާރާތް ހެދުމަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އެސްޖޭ ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނިން ހުށަހަޅާފައި އޮތީ 69 މިލިޔަން ރުފިޔާ އަށް، 457 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށެވެ. އެކަމަކު ފަހުން އިއުލާނު ކުރި އުސޫލުގެ ދަށުން އެ ކުންފުނި ބާކީކޮށް އެ މަސައްކަތް ހަވާލުކުރީ ރެއިންބޯ ކޮންސްޓްރަކްޝަނަށެވެ. އެ ކުންފުންޏަށް އެ ޕްރޮޖެކްޓް އެވޯޑް ކުރީ 74.5 މިލިޔަން ރުފިޔާ އަށް 618 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

ޑިފެންސް އާ އިމާރާތަށް ބިޑް ކުރަން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބިޑް ހުޅުވުން އޮތީ މި އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހެވެ. ނަމަވެސް ބިޑްގެ ހުރިހާ މަރުހަލާއެއް ނިމިފައި ވަނިކޮށް އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން، މި ޕްރޮޖެކްޓް ބިޑް އެވޯޑް ކުރި އިރު އެސްޖޭ ވަނީ ބާކީ ކޮށްފަ އެވެ. އަދި އެ އުސޫލުގެ ދަށުން އެސްޖޭ ބާކީ ކުރުމަށް ފަހު ރެއިންބޯ އަށް ބިޑް އެވޯޑް ކުރީ ޖޫން މަހުގެ ހަ ވަނަ ދުވަހުއެވެ.

މީޑިއާ އަށް މިކަން ތިލަވުމާއި އެކުގައި ފިނޭންސް މިނިސްޓްރީން އެކަމުގައި އަމަލުކޮށްފައި އޮތް ގޮތް އެ މިނިސްޓްރީން ދިފާއުކުރިއެވެ. އެ މިނިސްޓްރީން ބުނީ މިދިޔަ އޭޕްރީލް މަހު އެ މިނިސްޓްރީން އުސޫލެއް ކަނޑައެޅި ވާހަކައެވެ. އެ އުސޫލުގައި ބުނެފައިވަނީ ކުންފުންޏަކަށް މަސައްކަތެއް އެވޯޑު ކުރެވޭނީ އެ ކުންފުންޏެއް ނިސްބަތްވާ ގްރޭޑަށް ބަލާ، ކަނޑައަޅާފައިވާ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދަށްވުރެ އެވަގުތު އެ ކުންފުންޏެއް ކުރަމުންދާ ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ ޖުމުލަ އަގު ނުވަތަ ޖުމުލަ އަދަދު އިތުރު ނުވާނަމަ ކަމަށެވެ. އެގޮތުން ޖުމުލަ އަގު ހިސާބުކުރުމުގައި ބަލާނީ މަސައްކަތްތައް އެވޯޑްކޮށްފައިވާ އަގަށް ކަމަށް އެ އުސޫލުގައިވެއެވެ.

ނަމަވެސް ސުވާލަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވާލި ބިޑަކަށް ކުންފުނިތައް އެ ބިޑަށް ކުރިމަތިލާފައި ވަނިކޮށް އެތައް ދުވަހެއް ފަހުން އުސޫލު ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ. އަދި އެކަން އެގޮތަށް ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަމެއް ނޫންތޯއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އެ މަސައްކަތް ކޮށްފައި ވަނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އެ ބުނާ އުސޫލަކީ ބިޑަށް ކުންފުނިތަކުން ކުރިމަތިލިތާ އެތައް ދުވަހެއް ފަހުން އެކުލަވާލި އުސޫލެކެވެ. އެހެންކަމުން ޑިފެންސް އާ އިމާރާތުގެ ބިޑަށް އެ އުސޫލު ހިނގަން ޖެހޭތޯ ނުޖެހޭތޯ ވެސް ސުވާލު އުފެދެއެވެ. ސަބަބަކަށް ވަނީ ގާނޫނެއް އެކުލަވާލުމުގެ ކުރިން މީހަކު ކުށެއް ކޮށްފި ނަމަ އެމީހަކަށް އަދަބު ދެނީ ކުރިން އޮންނަ ގާނޫނުގެ ދަށުންނެވެ. އެހެންކަމަށްވާ ނަމަ ފަހުން އެކުލަވާލި އުސޫލަކަށް ކުރިން ހުޅުވާލި ބިޑަކަށް އެ އުސޫލު ހިނގަނީ ކޮން ގާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުންކަން ހާމަކޮށްދެވެން ޖެހެއެވެ.

މީގެއިތުރުން މި މައްސަލާގައި ފާހަގަކުރެވޭ އަނެއް ނުކުތާއަކީ މިދިޔަ އަހަރު ހައިކޯޓުން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމެކެވެ، އެ ހުކުމްގައި ބީލަމެއް އިވެލިއުއޭޓު ކުރުމުގައި ބަލަން ވާނީ އެ ބީލަމެއް ހުޅުވާލަން ކުރި އިއުލާނުގައި ނުވަތަ މައުލޫމާތު ދިން ކަރުދާހުގައި ނުވަތަ ބީލަން ފޮތުގައިވާ ގޮތަށް ކްރައިޓީރިއާ އާއި އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. އެކަން އެގޮތަށް ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ކަމާއި އެކަން ސާފުކޮށް އެ ގަވާއިދުން ފެންނަން އޮތް ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވެއެވެ.

އެހެންކަމުން މިފަދައިން ފިނޭންސް މިނިސްޓްރީން އަމަލުކުރީ ކޮން ސަބަބަކާއި ހެދިކަން ސާފު ކޮށްދޭންޖެހެއެވެ. މި މައްސަލާގައި ފިނޭންސް މިނިސްޓްރީން އާއްމުންނަށް އިތުރު ކަންކަން ސާފު ކޮށްދޭން ޖެހެއެވެ. ކުރިން އިއުލާންކުރި ބިޑަކަށް ފަހުން އެކުލަވާލި އުސޫލަކަށް އަމަލުކުރަން ޖެހުނު ސަބަބުވެސް އެ މިނިސްތްރީން އާއްމުންނަށް ހިއްސާ ކޮށްދޭން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *