ވެހިކަލް ދުއްވުން މަނާކުރީ ޒުވާނުންގެ އެއްވުންތައް ހުއްޓުވުމަށް: އެޗްޕީއޭ

މާލޭގެ މަގެއްގެ މަތި-- ފޮޓޯ / މިހާރު

ރޭގަނޑު 20:00 އިން ފަތިހު 5:00 އަށް މާލެ ސަރަހައްދުގައި ވެހިކަލްތައް ދުއްވުން މަނާ ކުރީ ޒުވާނުންގެ އެއްވުންތައް ހުއްޓުވުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ބުނީ މި ނިންމުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރިކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.

އެޗްޕީއޭ އިން ކޮންމެ ހަފްތާއެއްގެ ހާލަތު ދިރާސާކޮށް ބަލި ފެތުރުން މަޑުޖެއްސުމަށްޓަކާ ހާލަތާ އެންމެ އެކަށޭނެ ފިޔަވަޅުތައް ދެނެގަނެ އެއަށް އަމަލު ކުރާނެ ކަމަށާއި އެގޮތުން މިދިޔަ ހަފްތާގައި ބަލި ޖެހުނު މީހުންގެ އަދަދާއި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް އެނދުމަތި ކުރެވުނު މީހުންގެ އަދަދުތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަޖުބޫރުވެފައިވާ ކަމަށާއި އަދި މި ފިޔަވަޅުތަކަކީ ކޮންމެ ހަފްތާއެއްގެ ހާލަތަށް ރިއާޔަތްކޮށް މުރާޖައާ ކުރެވިގެންދާނެ ފިޔަވަޅުތަކެއް ކަމެއްވެސް އެޗްޕީއޭ އިން ބުނެއެވެ.

ބަލި ޖެހޭ މީހުންނާއި ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ މީހުން މަދުވެ، ހާލަތު ރަނގަޅުވާ ވަރަކުން ފިޔަވަޅުތައް ލުއިކޮށް އުވާލެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭ އިން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ބަލިފެތުރުން މަޑު ޖެއްސުމަށް އެ އެޖެންސީއާ އެކު މަސައްކަތްކޮށް ދިނުމަށް ވެސް އެދިފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ރޭގަނޑު 8ގެ ފަހުން އުޅަނދު ދުއްވުން މަނާވިޔަސް، 10 ޖަހަންދެން ބޭރުގައި އުޅެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަނާ ގަޑިތަކުގައި އުޅަނދު ދުއްވައިފިނަމަ، ފުރަތަމަ ފަހަރު ނަސޭހަތްދޭނެ ކަމަށާއި ދެ ވަނަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކޮށް، އުޅަނދު ޓޯ ކުރާނެ ކަމަށެވެ. އުޅަނދު ދޫކުރާނީ ޖޫރިމަނާ ފައިސާ ދެއްކުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ

Leave a Reply

Your email address will not be published.