ޝިޔާމްގެ ފާޑުކިޔުން ރައީސަށް: ވިދާޅުވީ ހާލަތު ބަދަލުކުރާނެ ހަކަތަ ނެތް ކަމަށް!

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ / ހަތާވީސް

ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ހާލަތު ބަދަލު ކުރާނެ ހަކަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.

ޝިޔާމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިން މިއަދު ގުނަމުން ގެންދަނީ ނާއުއްމީދުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. ދިވެހިން ގޮތް ހުސްވެ މާޔޫސްވެއްޖެ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ހާލަތު ބަދަލުކުރާނެ ހަކަތައެއް ވެސް އަދި ގާބިލުކަމެއް ވެސް ރައީސް ސޯލިހުގެ ކިބައިގައި ނެތް ކަމަށެވެ. އެމްޑީޕީން ކީހާ ޅެމެއް ފަރިއްސަވެއްޖެ ކަމަށާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިގެން ދިޔަ ގެއްލުމުން އަރައިގަންނާނެ ގޮތެއް އަދި ސަރުކާރުން އެކަމާއި ގުޅިގެން ގެންގުޅޭ ސިޔާސަތަކީ ކޮބައިކަން ވެސް ނޭނގޭ ކަމަށް އިދިކޮޅުން ވެސް އަދި ދާދިފަހުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންތަކެއް ވެސް ވިދާޅުވެފައި ވަނިކޮށެވެ.

އެގޮތުން މިހާރުން މިހާރަނަށް ސަރުކާރުން ރިވައިޒް ބަޖެޓެއް ހުށަހަޅަން ޖެހޭ ކަމަށާއި ނަމަވެސް އެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާތަން ނުފެންނަ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް މުޅިންހެންވެސް ބަރޯސާވެފައި އޮތް ގައުމަކަށްވާއިރު ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. އެއްމަސް ވެގެން ދިޔައިރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 5،177 ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *